ދައިރުލް ބަލަހް އަދި ނުސައިރާތު، ޣައްޒާ: ފޮތިގަނޑުތަކަކުން ހަދާފައިވާ، އަދި ހުދު ކުލައިގެ ޕްލާސްޓިކް ސަތަރިއަކުން ފުރާޅު ހިޔާކޮށްފައިވާ ފޭލިގެއެއްގެ ތެރޭގައި، ސަނާ އީސާ އޭނާގެ އަންހެން ދަރިންނާއެކު ހިމޭން ވަގުތުކޮޅެއް ހޯދޭތޯ މަސައްކަތް ކުރެއެވެ.

އާ އަހަރު ގާތްވަމުން އައިއިރު، އަދި ޣައްޒާގައި ރަސްމީކޮށް ހަމަލާބަދަލުކުރުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައި، ސަނާ ''އަލްޖަޒީރާ''އާ ވާހަކަދެއްކިއެވެ. ނަމަވެސް، ވާރޭ ވެހެމުންދިޔައިރު ތެތް ބްލެންކެޓެއްގެ މަތީގައި ފޭލިގެއެއްގެ ތެރޭގައި އޮތް ސަނާއަށް، އުންމީދީ ނަޒަރަކުން ދެކޭނެ މާ ބޮޑު ކަމެއް ނެތެވެ.

Ad
rt

"ކުށްވެރިކުރަންވީ ހަނގުރާމަ ކަމެއް، ފިނިކަން ކަމެއް ނުވަތަ ބަނޑުހައިހޫނުކަން ކަމެއް އަހަރެމެންނަށް ނޭނގުނު، އަހަރެމެން މި ދަތުރުކުރަނީ އެއް މުސީބާތުން އަނެއް މުސީބާތަށް،" ޣައްޒާގައި އޭނާއާއި އޭނާ ފަދަ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެހެން ރައްޔިތުން ކުރިމަތިލާންޖެހުނު ހިތްދަތި އަހަރު ސިފަކޮށްދެމުން ސަނާ ކިޔައިދީފަވެއެވެ.

އިންސާނީ ހާލަތު ގޯސްވަމުންދާއިރު، ޣައްޒާގެ ފަލަސްތީނު ރައްޔިތުން ކުރިން ދެކެމުން އައި އުންމީދީ ހުވަފެންތަކާއި، އުޖާލާ މުސްތަގުބަލަކާއި، ތަނަވަސްކަމާއި، އަލުން އާރާސްތުކުރުމުގެ ހުވަފެންތައް ވަނީ ފުނޑުފުނޑުވެފައެވެ. އެ ހުވަފެންތަކުގެ ބަދަލުގައި މިހާރު އޮތީ އިންސާނާގެ އެންމެ އަސާސީ ބޭނުންތަކެވެ. ފުށާއި، ކާބޯތަކެއްޗާއި ފެން ހޯދުމާއި، ފިނިން ސަލާމަތްވުމަށް ފޭލިގެ ހޯދުމާއި، ސިއްހީ ފަރުވާ ލިބުމާއި، އަދި ހަމަލާތަކުން ސަލާމަތްވެ ދިރިހުރުމެވެ.

ސަނާ ފަދަ ފަލަސްތީނު ރައްޔިތުންނަށް، އާ އަހަރުގެ އުންމީދަކީ ދިރިހުރުމަށްޓަކައި ކޮންމެ ދުވަހަކު ކުރަންޖެހޭ ހަނގުރާމައަކަށް ވަނީ ބަދަލުވެފައެވެ.

ސަނާއަކީ ހަތް ކުދިންގެ މައެކެވެ. އުމުރުން 41 އަހަރުގެ ސަނާގެ ފިރިމީހާ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ފުރަތަމަ އަހަރު ނިމެނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވުމާ ގުޅިގެން، ދަރިން ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލަމުންދަނީ އޭނާ އެކަންޏެވެ.

"ދަރިންގެ ޒިންމާއާއި، ހިޖުރަކުރުމާއި، ކާބޯތަކެތި ހޯދުމާއި، އެކި ކަންކަމުގައި އުނދަގޫ ނިންމުންތައް ނިންމުން. މި ހުރިހާ ކަމެއް އެއްފަހަރާ އަހަރެންގެ ބޮލުގައި އެޅުނު،" މެދުތެރޭ ޣައްޒާގެ އަލް-ބުރައިޖުން ދައިރުލް ބަލަހަށް އާއިލާއާއެކު ފިލައިގެން ދިޔަ ސަނާ ބުންޏެވެ.

2025 ވަނަ އަހަރު ސަނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާއަށްޓަކައި ކޮންމެ ދުވަހަކު "ޕާން ފޮއްޗެއް" ހޯދުމާއި، އެންމެ ކިލޯއެއްގެ ފުށް ނަމަވެސް އަތުޖެހޭތޯ ބެލުމެވެ.

"ބަނޑުހައިހޫނުކަމުގެ ދުވަސްވަރު، އަހަރެން ނިދާފައި ހޭލަނީ އެންމެ އެދުމަކާއެކު: އެ ދުވަހަށް ބޭނުންވާ ވަރަށް ޕާން ލިބޭތޯ. އަހަރެންގެ ކުރިމަތީގައި ދަރިން ބަނޑަށް ޖެހިފައި ތިއްބާ، އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވި، އަހަރެން މަރުވަމުންދާ ކަމުގެ އިހުސާސް ކުރެވުނު،" ހިތްދަތިކަމާއެކު އޭނާ ބުންޏެވެ.

ފުށް ހޯދުމުގެ މަސައްކަތުގައި، އެންމެ ފަހުން ސަނާ ނިންމީ މެއި މަހުގެ ފަހުކޮޅު ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުޅުވި، އެމެރިކާގެ އެހީތެރިކަން ލިބޭ ޖީ.އެޗް.އެފް އެހީ ބަހާ މަރުކަޒުތަކަށް ދިއުމަށެވެ.

"ފުރަތަމަ އަހަރެން ހުރީ ބިރުން އަދި ފަސްޖެހިފައި، އެކަމަކު އަހަރެމެން ތަހައްމަލު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ސަބަބުން، ދުވަހަކުވެސް އުންމީދު ނުކުރާ ފަދަ ކަންކަން ކުރަން މަޖުބޫރުވޭ،" ކޮންމެ ހަފުތާއަކު އެހީ ހޯދަން ދާ ދިއުން ސިފަކޮށްދެމުން ސަނާ ބުންޏެވެ.

ޒަމާނުއްސުރެ ހިންގަމުން އައި އެހީދޭ ޖަމިއްޔާތަކުގެ ބަދަލުގައި އެމެރިކާއާއި އިސްރާއީލުން ތާއީދުކުރި މި މަރުކަޒުތަކަށް ދިއުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމެކެވެ. އދ. އިން ބުނާ ގޮތުގައި، ނޮވެމްބަރު މަހުގެ ފަހުކޮޅު ޖީ.އެޗް.އެފްގެ މިޝަން ރަސްމީކޮށް ނިމުމުގެ ކުރިން، އެ މަރުކަޒުތަކާއި އެ ސަރަހައްދުތަކުގައި 2,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

ނަމަވެސް އެ ތަންތަނަށް ދިއުމަކީ ހަމައެކަނި ސަނާގެ ފުރާނައަށް އޮތް ނުރައްކަލެއް ނޫނެވެ. އެއީ އޭނާގެ "ކަރާމާތް ނަގާލި"، އަދި ދުވަހަކުވެސް ފިލައިގެން ނުދާނެ ފަދަ ނަފްސާނީ ލަކުނުތަކެއް ޖެއްސި ދަތުރެކެވެ.

އެއް ފަހަރަކު، މެދުތެރޭ ޣައްޒާގެ ނެޓްޒާރިމް އެހީ ބަހާ މަރުކަޒުގައި އެހީއަށް މަޑުކޮށްގެން ހުއްޓާ ސަނާގެ އަތަށް ބޮމުގެ އެތިކޮޅެއް އަރައި ޒަހަމްވިއެވެ. އަދި ރަފަހްގެ އިރުމަތީގައިވާ މޮރާގް މަރުކަޒުގައި ހުއްޓާ އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅުގެ މޭމައްޗަށް ޒަހަމްތަކެއް ލިބުނެވެ. ނަމަވެސް، ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ އަލުން މަސައްކަތް ކުރުން ހުއްޓައެއް ނުލައެވެ. އެހެންނަމަވެސް، އޭނާގެ ދަރިން ރައްކާތެރިކަމުގައި ބޭތިއްބުމަށްފަހު، އޭނާ އެކަނި ދާން ފެށިއެވެ.

ސަނާ އާއިލާއާއިއެކު ފޭލިގޭގައިމ ފޮޓޯ: އަލްޖަޒީރާ

މާޔޫސްކަން

ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މީގެ ތެރެއިން އެންމެ ފަހުން ކުރިމަތިވި ހުރަސްތައް ފެށުނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ފަހުކޮޅުގައެވެ. މީގެ ސަބަބުން އެންމެ ފަހުން ބޮޑު ބަޑުހައިހޫނުކަމެއް އިއުލާން ކުރަން ޖެހުނެވެ. މިއަދުވަސްވަރު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ދެމިގެންދިޔައިރު، ހަނގުރާމަ ހުއްޓާލުމުގެ އިއުލާނަށްފަހު މަޑުމަޑުން ހާލަތު ރަނގަޅުވާން ފެށިއެވެ.

މި މުއްދަތުގެ ތެރޭގައި، އދ. އިން ރަސްމީކޮށް ބަޑުހައިހޫނުކަމުގެ ހާލަތު އިއުލާންކޮށް، ޣައްޒާގެ ބައެއް ސަރަހައްދުތައް ބަނޑުހައިހޫނުކަމުގެ ނުރައްކާތެރި މަރުހަލާތަކަށް ގޮސްފައިވާކަން ކަށަވަރުކޮށްދިނެވެ. އެގޮތުން ކާބޯތަކެއްޗާއި، ފެނާއި، ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކުޑަކުދިންނާއި މާބަނޑު މީހުންގެ މެދުގައި ކާނާލިބުން މަދުވުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވިއެވެ.

ހާހުން ގުނޭ ރައްޔިތުންނަށް ކާބޯތަކެތި ހޯދުމަށް ނުރައްކާތެރި ގޮތްތައް އިޚްތިޔާރު ކުރަން ޖެހުނެވެ. މީގެ ތެރޭގައި ޖީ.އެޗް.އެފް ސައިޓުތަކުގައި ގިނަ ގަޑިއިރުތަކެއް ވަންދެން މަޑުކުރުން ހިމެނެއެވެ.

"ބަނޑުހައިހޫނުކަން ވަރަށް ގިނަ ދުވަހަށް ދެމިގެންދިޔަ؛ އެއީ ދުވަހެއް ނުވަތަ ދެ ދުވަހެއް ނޫން، އެހެންވެ އަހަންނަށް މަޖުބޫރުވީ ހައްލެއް ހޯދަން،" ސަނާ ބުންޏެވެ.

"ކޮންމެ ފަހަރަކުވެސް އެތައް ލައްކަ ބަޔަކު އެއްވެ ތިބޭ. ބައެއް މީހުން އެތަނުގައި ރޭގަނޑު ހޭދަކުރޭ، ގެދޮރު ގެއްލިފައިވާ އެތައް ލައްކަ ބަޔަކު، ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި ޒުވާނުން." ސަނާ ކިޔައިދިނެވެ.

"އެ މަންޒަރުތަކަކީ އިންތިހާއަށް އިހާނެތި މަންޒަރުތަކެއް. އެންމެންގެ ބޯމައްޗަށް ބޮން އެޅުމާއި ބަޑީގެ ހަމަލާތައް އަމާޒުވޭ. މީގެ އިތުރުން އެހީގެ ތަކެއްޗަށްޓަކައި މީހުންގެ މެދުގައި ހިނގާ ކޮއްޕުމާއި ތަޅާފޮޅުންތައްވެސް ހިމެނޭ." ސަނާ އިތުރުކުރިއެވެ.

މީހުން ގިނަކަމުން ސަނާ ގިނަ ފަހަރަށް ފޭލިގެއަށް އެނބުރި އަންނަނީ ހުސްއަތާއެވެ. ނަމަވެސް، މަދު ފަހަރަކު ލިބޭ މަދު ފުށް ކޮޅަކީ "އީދެއް" ފަދަ ކަމެއްގެ ގޮތުގައި އޭނާ ހަނދާން އާކުރިއެވެ.

"އެއްފަހަރަކު އަހަންނަށް ފަސް ކިލޯ ފުށް ލިބުނު. އެތައް ދުވަހެއް ވަންދެން ފާރޮށީގެ ރަހަ ނުލިބި ތިބި އަހަރެންގެ ދަރިންގެ ގާތަށް އެ ހިފައިގެން ދިޔައިރު އުފަލުން ރޮވުނު،" އޭނާ އިތުރަށް ބުންޏެވެ.

ސަނާ އެ ފަސް ކިލޯ ފުށް ދެ ހަފުތާއަށް ބަހާލިއެވެ. ބައެއް ފަހަރު މުގު ނުވަތަ ޕާސްތާ ފުށާ އެއްކޮށްގެންނެވެ. "އަހަރެމެން ބޭނުންވީ އެ ފުށްކޮޅު ގިނަވާނެ ފަދަ ޖާދުލެއް ހަދަން،" ހިތާމަވެރި މަޖާޒީ ގޮތަކަށް އޭނާ ބުންޏެވެ.

ބާރު ވަޔާއެކު ކަހައިލި އޭނާގެ ފޭލިގެ މަތީގައި އޮތް ޕްލާސްޓިކް ކަރުދާސްގަނޑު ރަނގަޅުކޮށްލުމަށްފަހު، ސަނާ އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން ބުންޏެވެ.

"އަހަރެމެން މި ދެކުނީ މިން ނުކުރެވޭ ފަދަ އިހާނެތިކަމެއް. މި ހުރިހާ ކަމެއް މިވަނީ ކޮން އެއްޗަކަށްޓަކައި؟ ފާރޮށި ފޮއްޗަކަށްޓަކައި!" ފެންކަޅިވެފައިވާ ދެލޮލާއެކު އޭނާ ބުންޏެވެ.

"އަހަރެމެންނަކީ ޖަނަވާރުން ކަމުގައިވިނަމަ، ފަހަރުގައި އެމީހުން އަހަރެމެންނަށް މާ ބޮޑަށް ހަމްދަރުދީވީސް." ސަނާ ބުންޏެވެ.

އޭނާ ތަހައްމަލުކުރި އަދި ކުރަމުންދާ ދަތިތަކާއެކުވެސް، ސަނާ އުއްމީދު ކަނޑައެއް ނުލައެވެ. އަދި ޣައްޒާގެ މުސްތަގުބަލަށްޓަކައި ކުރާ ދުޢާތައް ހުއްޓައެއް ނުލައެވެ.

"ދެ އަހަރު ފުދިއްޖެ. ކޮންމެ އަހަރަކީ ކުރީ އަހަރަށްވުރެ އުނދަގޫ އަހަރެއް. އަދިވެސް އަހަރެމެން މިތިބީ މި ނުނިމޭ ތަޅާފޮޅުމުގެ ތެރޭގައި،" އޭނާ އިތުރަށް ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ ފިނިމޫސުމުގައި ހިޔާވަހިކަން ލިބޭނެ ރަނގަޅު ފޭލިގެތަކެއް، ދަރު އަންދައިގެން ކެއްކުމުގެ ބަދަލުގައި ކައްކާ ގޭސް ފުޅިއެއް. އަހަރެމެން ބޭނުންވަނީ ދިރިއުޅުމަކާއި އަލުން އާރާސްތުވުން." އޭނާގެ އުންމީދު ފާޅުކުރިއެވެ.

"އަހަރެމެންގެ އަސާސީ ހައްގުތައް މިވަނީ އަހަރުގެ ނިމުމުގައި ހާސިލުނުވާނެ ހުވަފެންތަކަކަށް ވެފައި." އަސަރާއެކު ސަނާ ބުންފަވެއެވެ.

ސަނާގެ ފިރިމީހާއަކީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި 71,250 އަށްވުރެ ގިނަ ފަލަސްތީނު މީހުންގެ ތެރެއިން އެކެކެވެ.

މިއީ އިސްރާއީލުގެ ޒަމާންވީ ލާއިންސާނީ އަނިޔާ ތަހައްމަލުކުރަމުންދާ އެތައްހާސް ފަލަސްތީނުގެ ރައްޔިތުންކުރެ އެއް ރައްޔިތެއްގެ ވާހަކަތަކެވެ. ދުޢާއަކީ ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ކެތްތެރިކަންދެއްވައި، އަދުއްވުންގެ ކިބައިން ސަލާމަތްތެރިކަމާއި ފުރިހަމަ މިނިވަންކަން ލިބިގެންދިޔުމެވެ.

ނޯޓު: މިއީ އަލްޖަޒީރާގެ ނޫސްވެރިއެއްކަމަށްވާ ''މަރަމް ހުމައިދު'' ލިޔެފައިވާ ރިޕޯޓެއް އަސްލަކަށް ބަލައިގެން ގެނެސްދީފައިވާ ލިޔުމެކެވެ.