ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ރައީސް ހަމަޖައްސަވައިފިއެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކުރައްވައި ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޑރ. ޢަލީ ޙައިދަރު ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި، އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުޙައްމަދު ޔޫނުސާ ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން، ބޭގަމް ޚާލިދާ ޒިޔާގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ދަންނަވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާ އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައެވެ. އެކަމަނާ އަވަހާރަވީ ވެރިރަށް ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!