އާ އުސޫލުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ 15 އިން ފެށިގެން ހުޅުވާލައިފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، މި އުސޫލު ތަކާއި އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ https://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
ގޯތީގެ އަދަދާއި ޚާއްޞަކޮށްފައިވާ ފަރާތްތައް
ހައުސިން މިނިސްޓްރީން ބުނިގޮތުގައި މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯތި ތިކަމަށެވެ. ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ 2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު:
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު:
މި ފުރުސަތުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 10،000 ގޯއްޗެވެ. މީގެ ތެރެއިން އުފަންވީއިރުން ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1000 ގޯތި އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި ފުރުސަތުގެ ދަށުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައި ވަނީ 3000 ގޯއްޗެވެ.
މި ފުރުސަތުގެ ދަށުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1500 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ފްލެޓްގެ އަދަދާއި ހާއްސަކޮށްފައިވާ ފަރާތްތައް
މި ފުރުސަތުގައި 7900 ފްލެޓް ދޫކުރަން ނިންމާފައިވާއިރު، މި ފުރުސަތުގެ ދަށުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 4000 ފްލެޓް ދޫކުރަން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2200 ފްލެޓް، ވިލިނގިލީ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 300 ފްލެޓް، މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1000 ފްލެޓް، ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި ފުރުސަތުގެ ދަށުން 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް 100 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 250 ފްލެޓް، ޒުވާނުންނަށް 500 ފްލެޓް، މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 50 ފްލެޓް، މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް 200 ފްލެޓް، މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑީޝިއަރީގެ މުވައްޒަފުންނަށް 100 ފްލެޓް، މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް 100 ފްލެޓް، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތަކަށް 50 ފްލެޓް، ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތަކަށް 500 ފްލެޓް، ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަޤީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތަކަށް 50 ފްލެޓް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުނަށް 100 ފްލެޓް، ސިފައިންނަށް 100 ފްލެޓް، ސިވިލްސާވިސް މުވައްޒަފުންނަށް 200 ފްލެޓް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް 100 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން 22 މުއައްސަސާއެއްގެ މުވައްޒަފުންނަށް 400 ފްލެޓް ވަނީ ހާއްސަކޮށްފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، އޭޖީ އޮފީސް، ފޮރިން ސަރވިސް، ޖުޑީޝަލް ސަރވިސް ކޮމިޝަން، އިލެކްޝަންސް ކޮމިޝަން، ސިވިލް ސާރވިސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން، އޮޑިޓަރ ޖެނަރަލްގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީސް، ވަޒީފާއާބެހޭ ޓްރައިބިއުނަލް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!