ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މެރިން ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި އޮޕަރޭޝަންގެ ދަށުން މާލެއިން ފުރާ އަދި މާލެ އަންނަ ފެރީތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހުރިތޯ ބަލައި ފާސްކުރާނެއެވެ. މީގެ ތެރޭގައި ލައިފް ޖެކެޓާއި، އަލިފާން ނިއްވާ ނިޒާމު ފަދަ ކަނޑުމަތީގެ ސަލާމަތަށް ބޭނުންވާ މުހިންމު އާލާތްތައް ހަމައަށް ހުރިތޯ ބެލުން ހިމެނެއެވެ.
މީގެ އިތުރުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމުގެ މަސައްކަތް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ. މިއީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާނީ ޑިސެމްބަރު 23 އިން ފެށިގެން ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތަކީ ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިސްކަންދީފައެވެ.
މި މަސައްކަތަކީ ފުލުހުންނާއި، ކަސްޓަމްސް، އެމް.ޕީ.އެލް، އިމިގްރޭޝަން އަދި ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އޮޕަރޭޝަނެކެވެ.
ކަމާބެހޭ ހުރިހާ އިދާރާތަކުން ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މަގްސަދަކީ ކަނޑުމަތީގެ ހާދިސާތައް މަދުކޮށް، އަމާން ދަތުރުފަތުރެއް ކަށަވަރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!