މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަންތަކަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.

Ad
rt

ފުރަތަމަ އޮޕަރޭޝަން: ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރު

މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި މާލޭގެ 7 އެޕާޓްމަންޓެއް ބަލައިފާސްކޮށް، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ) އާއި މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) އާއި ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ) އާއި މ. ރަނިކަ / މާލެ، ޙަސަން ޙަލީމް (42އ) އާއި މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް (51އ) އާއި މއ. އައިރީ / މާލެ، ޢަލީ އީވާން (43އ) އާއި އެތުމާގެ / ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ) އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް އައިކް މުޙައްމަދު 5 ދުވަހަށް އަދި ދެން ތިބި 7 މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދެވަނަ އޮޕަރޭޝަން: 4 މީހަކު ހައްޔަރުކޮށް ފައިސާތަކެއް އަތުލައިގަތުން

ޑިސެމްބަރު 22 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަންގައި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އއ. މާޅޮސް / ޗާންދަނީގެ، އަލީ ސައިފު (27އ) އާއި ލ. ގަން / މުކުރިމަގު، އޯޝަންރީޑް، އަޙްމަދު ނިޘާމް (30އ) އާއި އއ. މާޅޮސް / ނޫމާގެ، އަޙްމަދު ޝާމިލް (28އ) އާއި ސ. ހިތަދޫ / ބޯށިވަލުގެ، ޙުސައިންދީދި (45އ) އެވެ.

މި މީހުން ބަލައިފާސްކުރިއިރު 5.23 ގުރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗަކާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 10,000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކުރި އަޙްމަދު ނިޘާމް 7 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، ބާކީ ތިބި ތިން މީހުން 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ. މި އެންމެންގެ މައްޗަށްވެސް ކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.