ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއް. ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް." ރައީސް ވިދާޅުވެފަވެއެވެ.

ޤައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ޤައުމެއްގެ ސަގާފީ ސިޔާދަތު އެތައް ގުނަޔަކަށް މަތިވެގެންދާ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދިވެހި ސަގާފަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ބާރުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތާނަ އަތުލިޔުމުގެ މުބާރާތް ޤައުމީ ފެންވަރަށް

މިކަމަށް އިތުރު ބާރެއް ދެއްވުމުގެ ގޮތުން ރައީސް މުޢިއްޒު ވަނީ މުހިންމު ނިންމެވުމެއް އިޢުލާނުކުރައްވާފައެވެ. ރައީސް ވިދާޅުވީ، މި ސަބަބަށްޓަކައި އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ، ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ، ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ. މިއީ ދިވެހި ބަހާއި ތާނަ އަކުރަށް ދިވެހިންގެ މެދުގައި އޮތް ލޯބި އިތުރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.