"އަހަރެމެންގެ އަތޮޅުވެރީންއޮތީ، ތިޔަވާހަކަދެއްކުންވެސް މަނާކޮށްފައި، އެކަމަކު، އަހަރެމެންވެސް ގެންދިޔައްޔާ ދާނުން.
އަހަރެމެންވެސް ބަނޑުހައިވޭ!"

މީގެ 77 އަހަރު ކުރިން ރާއްޖެ ބަނޑަށްޖެހި، އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި ދައުލަތުގެ އަޅާލުން ކުޑަވެ، ދައުލަތުން ވެފައިވާ އިހުމާލާއި މެދު އުތުރުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލައި، ހައްޤު މިންވަރު ހޯދުމަށް ފެށި ދަތުރަކީ "އުތުރު ގަޑުބަޑު" ގެ ގޮތުގައި ނުވަތަ "ތިލަދުންމަތީގެ ބަޣާވާތު" ގެ ގޮތުގައި ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް އުތުރުގެ ރައްޔިތުން ދެކެނީ އެ މަސައްކަތަކީ ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތެއްގެ ގޮތުގައެވެ.

Ad
rt

މަރާއި ދިރިތިބުން އޮތީވެސް ބަނޑުފުރާނަމުއްތި ކޮށްގެން ކަމަށްވީއިރު އެރަށްޔިތުން އަތުގުޅާލީ އެކަމަށް ހައްލު ހޯދައި ވީހާލެއްގައިވާށެވެ. އެއީ ދައުލަތާއި ދެކޮޅުވެރިވެ ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން ކުރިކަމެއް ނުމެ ނޫންމެއެވެ.

އެހަނދާންތައް އައު ކޮށްލުމަށް ދައުލަތުގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި ތިލަދުންމަތީ ރައްޔިތުން ސުލްހަ ކުރުމަށް ވަޑައިގަތް މުޙައްމަދު ޖަމީލުމުޙައްމަދު ޖަމީލުގެ "ތިލަދުންމަތީގެ ދަތުރުގެ ހަނދާން" ފޮތުން ދެން އޮތް ބަޔަށް ޖެހިލާނަމެވެ.

" މިތާނގައި، އެދުވަހުން ދެންއޮތްއިރަކާއި، އަނެއްދުވަހު އިރުއަރާންދެން ތިބީމުއެވެ. ބައްތެލީގައި ދޯއްޔެއް ނެތްކަމަށްޓަކައި، ހެނދުނު އަތިރިއަށްދާން ފޭބީ އެފިނޮޅަށެވެ. އެއިރުއޮތީ ދިޔަވަރުހިކޭން ޖަހައިފައެވެ. އެހެންކަމުން، އަތިރިއަށްދާން ކިރިޔާ އިނދެވޭވަރުގެ ވެލިކޮޅެއް ހިކިފައިއޮތެވެ.

މި ބިސްފުށީ ބޭރުންފުރީ، ( 1362/2/17 ) އަންގާރަ ދުވަހު ހެނދުނު 6 ގަޑި 30 މިނެޓުގައެވެ. އެއީވެސް ވަރަށް ވައިބާރުދުވަހެކެވެ. މެންދުރުން އަނބުރާ ތިނެއްޖެހި އިރު ވައިބާރުކަމުން މެދު ރިޔަލުގައިވެސް ދުއްވާން ނުކެރޭވަރުވެއްޖެއެވެ. އެހެންކަމުން، ބުރުލުބޭރޭކިޔާ ތަނެއްގައި އަނެއްކާވެސް ޖައްސައިފިއެވެ. މިތާނގައިތިބެފައި، އެރެއި، މެންދަމު ބާރަޖަހައި ފަނަރަމިނެޓު ހިނގިއިރު ފުރައިގެން ނިކުތީ ކަނޑުދުވާށެވެ.

ހެނދުނު އިރުއެރިއިރު މާޅޮސްމަޑުލު ރަށްރަށް ފެންނާންހުއްޓެވެ. އިރުއޮއްސުނުއިރަށް ދެވުނީ، ހުޅުދުއްފާރަށެވެ. މިއީ، މާޅޮސް މަޑުލު އުތުރުބުރީގެ ހަމަފަޅުގެ ރަށްރަށުގެ ތެރެއިން ފަޅުރަށެކެވެ. ވަރަށްގިނަ ރަށްރަށުމީހުން މަހަށްދާންގޮސް ބަޑަހާޖަހައިގެން ތިބޭ ރަށެއްމެއެވެ. އެހެންވީމާ، އެރަށުން، ރާއްޖެތެރޭގެ ޚަބަރު ހުރިނެތްގޮތް ފިލުވުމަށާއި، އަތިރިއަށްގޮސްލުމުގެ ބޭނުމުގައި، ފައިބައި، މީސްމީހުންނާ ވާހަކަދައްކައިލައި އުޅުމުން އެނގުނުއެއްޗަކީ، މިލަދުންމަޑުލާއި، މާޅޮސްމަޑުލުގެ ގިނަރަށްރަށް ވަރަށް ތަދުކަމާއި، އެރަށްރަށަށް އެއްގޮތަކަށްވެސް މަސްނުބާނާކަމެވެ.

އެއިގެތެރެއިން މަނަދޫމީހަކު ހުރެފައި ކުއްލިއަކަށް އަހައިފިއެވެ.

- "މާލެއިން، ބޯޓަކަށް ހަތިޔާރުލައިގެން ތިލަދުންމަތިދާ ވާހަކަ އެހީމޭ! މިހާރު އެބޯޓު ހިނގައްޖެތަ؟"
- "އަހަރެމެންނަށް މާލެއަކުން ތިއަކަމެއް ފިލައިފައްޔެއްނެތް. މަމިދަނީ މާލޭގައިހުރެހުރެފައި ރަށަށްވިއްޔާ! ތިޔަކަހަލަކަމެއް
ހިނގިނަމަ، މަށަށްވެސް ވާހަކައިވެނިސްތާ!"

މިހެންބުނީމާ، އެމީހާ މަޑުމަޑުން އެއްޗެއްކިޔަމުން ދަތްއުނގުޅަމުން ހިނގައްޖެއެވެ. މިނޫން އެހެން ޚަބަރެއް އެރަށަކުން ނުލިބުނެވެ. ދެން އަނެއްކާވެސް އައީ ބައްތެއްޔަށެވެ. ބައްތެލީގައިތިއްބައި، ދާދިކައިރީންލައިފައި ދިޔަ ދޯންޏަކުން ގޮވައިލައިފިއެވެ.

- "ކޮބާ! މިހާރު މާލޭގައިތިބިމީހުންގެ ޚަބަރުގަނޑު؟"

މިހެންގޮވައިލީމާ، މިއާއިމެދު، މިކޮޅުން އަދި ޒުވާބެއް ނުދެވެނީސް މާދުރަށް އެދޯނިހިނގައްޖެއެވެ. މާލޭގައިތިބިމީހުންނޭ ބުނިބަހުން
އެމީހުން ގަސްތުކުރިކަމުގައި ފެނުނީ، ތިލަދުންމަތީމީހުން މާލެދިޔަ ޚަބަރު އެމީހުންނަށްލިބިފައި އޮތީމާ އެވާހަކަ ކަމުގައެވެ.
އެރެއިވެސް ހަނދުއެރީމާ، މެންދަމު ބާރަޖަހައި ފަނަރަ ހިނގިތަނާ އެރަށުން ފުރައިފީމުއެވެ. ފުރީއްސުރެންވެސް، ވާހަކައަހައިލާނޭވެސް ބައަކާއި ބައްދަލެއްނުވެއެވެ.

އެންމެފުރަތަމަ ދިމާވީ ދޯންޏާއި ބައްދަލުވީވެސް އަތޮޅާ ދާދިކައިރިވިފަހުންނެވެ. އެއީ، ހުޅަނގުކަނޑަށް މަހަށް ނިކުމެތިބި ކަނޑިތީމު ބައެކެވެ. އެބައިމީހުންކުރެން ޚަބަރު އަހައިލާން ބުނެފީމުއެވެ.

"އެއްގޮތަކަށްވެސް މަހެއް ނުބާނާ..... މިއަންނަ އާދީއްތަދުވަހު ދޭއްޖަހާއިރު އަތޮޅުމީހުން މާލެދާން ފުރާނެ. ހޮނިހިރުދުވަހު އިރުހުއްޓައި ކުޅުދުއްފުށީ ބޭރަށް އެންމެން ޖަމާވާން އަންގައިފި"

އެދުވަހަކީ ބުރާސްފަތިދުވަހެވެ. އިރުހުރީ މެންދުރާއި ދާދިގާތަށް އަރައިފައެވެ. ވައިޖެހެނީ ދާންވީ ރަށާއި ދިމާއިންނެވެ. އަތޮޅުބޭކަލުން އެއްވެލެއްވުމާއި ދެމެދުއޮތީ، ބުރާސްފަތިދުވަހުން ދެންއޮތްތަނަކާއި، ހުކުރުދުވަހާއި، ހޮނިހިރުދުވަހުން ބައަކާއި އެކުއެވެ. އަދި މިތިބީ ކަނޑުމަތީގައެވެ. ދަތުރު އަވަސްކުރާންވެސް ކުރާން ހަމަ އެއްކަމެއްވެސްނެތެވެ. ކޮންމެއަކަސް، އަތޮޅަށްދެވުނުއިރަކުން ވެވުނު ތަދުބީރެއްކުރާން މަޑުމަޑުން ކެތްކޮށްލައިގެންތިބުން ނޫން އެހެންގޮތެއް ނެތިގެން ތިބީއެވެ.

މިހެންތިއްބާ އަނެއްކާވެސް މަސްދޯންޏެއް ކައިރިވަމުން އަންނާން ފަށައިފިއެވެ. އަޅުގަނޑުމެން ދެމީހުންވެސް ބޭރުގައިތިބީމާ، އެދޯނިގެމީހުން މިނިވަންކޮށް ވާހަކަނުގޮވާނެހެން ހީވާތީ، ހިޔަލުތެރެއަށް ވަދެފިލައްޖައީމުއެވެ. ދެން އެދޯންޏާއި ގާތްކޮށް، ރަނގަޅަށް ވާހަކަގޮވޭނެގޮތް ތަނަވަސްކޮށްފައި، އަޅުގަނޑުމެންތިބި ބައްތެލީގެ ހުންގާނުގައިހުރި، ވައިކަރަދޫ ނާއިބު ޢަލީ ގޮވައިލައިފިއެވެ.

"ކޮންރަށަކުދޯންޏެއް؟"
"ގޮއިދޫ!"
"އާން!... މީނީ ގޮއިދޫ މުދިންކަލޭގެ... މުދިންބޭ!... ކޮންޙާލެއް؟.."
"ޙާލުރަނގަޅު... މާލޭ ޚަބަރުކޮބައިތަ؟"
"ޚަބަރުރަނގަޅު... ބާޒާރުގައި ހިސާބަކަށް ގޮދަންއެބަހުރި.. އިސްޓޯރުން ރުފިޔާވެސް އިހަށްވުރެ ގިނައިންލިބޭ...
"އާދީއްތަދުވަހު ދޭއްޖަހާއިރު މާލެދާންފުރާ..."
"އަހަރެމެން އަތޮޅުމީހުންދާއިރު ކަލޭމެން ހަމަތިޔަހެން ތިބެނީތަ؟"
"އަހަރެމެންގެ އަތޮޅުވެރީންއޮތީ، ތިޔަވާހަކަދެއްކުންވެސް މަނާކޮށްފައި... އެކަމަކު، އަހަރެމެންވެސް ގެންދިޔައްޔާ ދާނުން.
އަހަރެމެންވެސް ބަނޑުހައިވޭ....!"
"އާނ! ގެންދާންތާވާނީ!... ދޯ!..."

މިހެންބުނުމާއިއެކު ބައްތެލީ ރިޔަލުގައި ވައިއަޅުވައި ދީލައި، ދޯންޏާ ދުރުކޮށްފިއެވެ. މިދޯނީގެމީހުންނާ ދެއްކުނު ވާހަކައިންވެސް އެނގުނުއެއްޗަކީ، މުޅިއަތޮޅު އެންމެން މިދާންއުޅޭ ދިޔުމުގައިތިބީ އެއްބަސްވެފައިކަމާއި، މިކަންތައް މިހާރުއޮތީ، ސިއްރު ކުރާވަރަށްވުރެން ތައްޔާރުވެގެން، އަތޮޅުފިޔަވައި، އުތުރުގެ އެހެން އަތޮޅުއަތޮޅަށްވެސް އިޢުލާންކޮށްފައިކަމެވެ.

ނުނިމޭ!

ތިލަދުން | Thiladhunތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (1ވަނަ ބައި)“މަރަކީ އެއް ފަހަރުވާ ކަމެކެވެ. ވިހާނީ ވެސް އެއް ދުވަހު އެވެ. ތިބޭނެ ކަމެއް ނެތެވެ. އަރައިގަންނަންވީ އެވެ. ދޯނި ދަމައިގަންނާށޭ” އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި...