މާލޭގައި މިކްސްޑް ޔޫސް މާރުކޭޓަކާއި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ހެންވޭރު ރައްޔިތުންނާއެކު ކަލާފާނު ސްކޫލްގައި ބޭއްވެވި ބައްދަލުވުމުގައި ރައްޔިތުންގެ އިހްސާސްތައް އަޑުއެއްސެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އިޝާރާތްކުރައްވަމުން ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާކަމަށެވެ.
މިގޮތުން މަގުހެދުމުގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގެ މާރުކޭޓުތައް އަލުން އިމާރާތްކުރެއްވުމުގެ މަސައްކަތް ކުރައްވާނޭކަމަށެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް ތަރައްޤީކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
7 ޑިސެމްބަރު 2025 ދިވަހުގެރޭ ހެންވޭރު ރައްޔިތުންނާއެކު ރައީސް ބާއްވަވާފައި ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާގެ ހަތަރު ވަނަ ބައްދަލުވުމެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު 23 ނޮވެމްބަރު 2025 ގައި ރައީސް ބާއްވަވާފައިވާއިރު، ދެވަނަ ބައްދަލުވުން 25 ނޮވެމްބަރުގައި ވަނީ މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރަށްވާފައެވެ. އަދި ތިންވަނަ ބައްދަލުވުން 4 ޑިސެމްބަރު ގައި މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެކު ވަނީ ބާއްވާފައެވެ.
ރައީސް މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރަށްވަން ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!