އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގައި ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ހަތް ރައްޔިތަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހިތާމަވެރި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި 70 އަހަރުގެ ދޮށީ އުމުރުގެ އަންހެނަކާއި އޭނާގެ ދަރިފުޅު ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންނަށް ވަނީ ކުއަޑްކޮޕްޓަރ ޑްރޯނެއް ބޭނުންކޮށްގެން ފާރަލައި ހަމަލާދީފައެވެ.

Ad
rt

މި ހަމަލާތަކާ ގުޅިގެން، ޣައްޒާގައި ހަމަލާ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ގެރެންޓީ ދޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރާއި މިޞްރުން ވަނީ އިޒްރޭލްގެ ސިފައިން ވަގުތުން ސަރަޙައްދުން ފޭބުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ހަމަލާ ހުއްޓާލުމަށް ވެފައިވާ ނާކާމިޔާބު އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަސްކަރީ ބާރެއް ޤާއިމުކުރުމަށް ވެސް އެ ދެ ޤައުމުން ވަނީ ގޮވާލާފައެވެ.

އިސްރާއީލު ސިފައިން ހަމަލާ ހުއްޓާލުމަށް ކަނޑައަޅާފައިވާ "ޔެލޯ ލައިން" ހުރަސްކޮށް ހަމަލާދިނުމާ ގުޅިގެން، ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި މެޝިންގަން ބަޑީގެ އަޑާއި ހަމަލާދޭ ޑްރޯންތަކުގެ އަޑު އިވިފައިވާ ކަމަށް ވެއެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 70,125 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 171,015 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. މި ހަމަލާތަކަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ގައި އިޒްރޭލަށް ދިން ހަމަލާތަކަށްފަހު ފެށުނު ހަމަލާތަކެކެވެ. އޮކްޓޯބަރ 7 ގެ ހަމަލާތަކުގައި ޖުމްލަ 1,139 މީހުން މަރުވެ، ގާތްގަނޑަކަށް 200 މީހުން ހައްޔަރުކުރެވުނެވެ.

މިފަދަ ހަމަލާތައް ތަކުރާރުވުމަކީ ހަމަލާ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އަޅާ ކަމެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ބުނަމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.