ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ދެ ގެއެއް ބަލާފާސްކޮށް، ޖުމްލަ 544 އައިޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ، މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޑިސެންބަރު 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. މިގޮތުން މި އޮޕަރޭޝަންގައި ވަނީ މާލޭގެ ދެ ގެއެއް ބަލާފާސްކޮށްފައެވެ.

Ad
rt

މިއީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އާއި ގުޅުންހުރި އައިޓަމްތަކުގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެގެން ހިންގި އޮޕަރޭޝަނެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަލާފާސްކުރި ދެ ގެއިން ފެނުނު ތަކެތީގެ ތަފްސީލު ފުލުހުން ހާމަކޮށްފައިވާއިރު، އެގޮތުން، އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވެއެވެ. އަނެއް ގެއިން ފެނިފައިވަނީ 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް އެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 544 އައިޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް، ވޭޕް ކާޓްރިޖް އަދި ވޭޕާގުޅޭ ތަކެތިތަކެއް ފުލުހުން އަތުލައިގަނެފައިވާއިރު، ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައެވެ.