ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ސާފު ތާހިރު ނޫންގޮތެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އިއްޔެ ހައްޔަރުކޮށް، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރިއިރު، އެތަނުން ގިނަ އަދަދެއްގެ ކުރުނބާ، އަދި ކުރުނބާ ފަނި އަޅަން ތައްޔާރުކޮށްފައި ހުރި ހުސްފުޅިތަކެއް ފެނިފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިތަނަކީ ކުރުނބާ އާއި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ފާހަގަކުރެވުނު ކަމަށާއި، އެ މަސައްކަތް ކުރަމުންދިޔައީ ސާފުތާހިރުކަމެއް ނެތް މާހައުލެއްގައި ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެފަދަ ގިނަ ބިދޭސީން އަތުގައި ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިކަމެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ކަމުގައިވާ 'އެމް.އައި އައި.ޑީ ޗެކަރ' މިހާރު ވަނީ ފަރުމާކޮށްފައެވެ. މީގެ އިތުރުން މިކަންކަން ހައްލުކުރުމަށް ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!