ހދ. ނޮޅިވަރަންފަރުގެ ހުޅަނގުކޮޅު އަތިރިމަތީގައި ބީޗް ހަޓްތަކެއް އެޅުމުގެ މަސައްކަތް އެރަށު ކައުންސިލުން ބަޔަކާ ހަވާލުކޮށްފިއެވެ.
ނޮޅިވަރަންފަރު ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލިރާ ޕްރައިވެޓް ލިމިޓެޑްއާ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 30 ނޮވެމްބަރު 2025 ވަނަ ދުވަހުއެވެ.
ނޮޅިވަރަންފަރު ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި މަސައްކަތުގެ ދަށުން ރަށުގެ ހުޅަނގުކޮޅު އަތިރިމަތީގައި ޖުމްލަ 04 ބީޗް ހަޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އަގަކީ 395,000ރ (ތިންލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ) އެވެ. މިއީ ރަށުގެ ރީތިކަން އިތުރުކޮށް، ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.
މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 30 ނޮވެމްބަރު 2025 ގައެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 35 ދުވަހެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 03 ވަނަ ދުވަހުގެ ކުރިން ބީޗް ހަޓްތައް އެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.
ނޮޅިވަރަންފަރަކީ ހިތްގައިމު ގޮނޑުދޮށަކާއި ފަޅެއް އޮންނަ، ގިނަ ބަޔަކު ޒިޔާރަތްކުރާ ހިތްގައިމު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!