ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ރާއްޖޭގެ ވިލާ ގްރޫޕްގެ ފަރާތުން އެއްލައްކަ އެމެރިކާ ޑޮލަރު (100,000 ޑޮލަރު) ހަދިޔާކޮށްފިއެވެ.

މި އެހީއާއި ގުޅިގެން ވިލާ ގްރޫޕްގެ ފަރާތުން މިއަދު ބުނެފައިވާ ގޮތުގައި، އެ ގްރޫޕްގެ ފަރާތުން، ސްރީ ލަންކާގެ ގުދުރަތީ ކާރިސާއާ ގުޅިގެން ކުރިއަށްގެންދާ އެހީތެރިކަމުގެ މަސައްކަތްތަކަށް 100,000 އެމެރިކާ ޑޮލަރު ވަނީ ހަދިޔާކޮށްފިއެވެ. މި އެހީއަކީ، ސްރީލަންކާއަށް ކުރި ވިއްސާރަ އާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދިމާވި ހާދިސާތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ހަދިޔާކުރި އެހީއެއްކަމަށް ވެސް ވިލާ ގްރޫޕުން ބުންޏެވެ.

Ad
rt

މި އެހީއާއި ގުޅިގެން ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީން ބުނީ، މި އެހީ ހަދިޔާކުރެއްވީ ވިލާ ގްރޫޕްގެ ޗެއާމަން، ޤާސިމް އިބްރާހީމްގެ އިސްނެންގެވުމުގެ މަތިންކަމަށެވެ. އަދި މާލޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ހަދިޔާ ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ޤާސިމް ވަނީ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްރީ ލަންކާގެ ހައިކޮމިޝަނަރ އެކްސެލެންސީ އެމް. ރިޒްވީ ހަސަންއާ ހަވާލުކޮށްފައިކަމަށް ލަންކާ އެމްބަސީން ބުންޏެވެ.

މި ހިތާމަވެރި ވަގުތުގައި، މި ހާދިސާގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް ވިލާ ގްރޫޕްގެ ފަރާތުން ހަމްދަރުދީ ފޮނުވާފައިވާކަމަށް ލަންކާ އެމްބަސީން ބުންޏެވެ. އަދި މި ގުދުރަތީ ކާރިސާއަށް ވިލާއިން ދިން އެހީތެރިކަމަށް އެ ގްރޫޕްގެ ޗެއާމަން، ޤާސިމް އިބްރާހީމްއަށް ލަންކާ އެމްބަސީން ވަނީ ޝުކުރު އަދާކޮށްފައެެވެ.

ލަންކާ އަށް ކުރިމަތިވި މި ހިތާމަވެރި ވަގުތުގައި ރާއްޖޭގެ ރައްޔިތުންނާއި، ބައެއް ވިޔަފާރިވެރިންނާއި އަދި ބައެއް މީޑިއާތައް ގުޅިގެން ލަންކާ އަށް އެހީވުމަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައެވެ.

ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާގައި މިހާތަނަށް 366 މީހުން މަރުވެފައިވާއިރު، 330 މީހުން ވަނީ ގެއްލިފައެވެ. އަދި އެ ގައުމުގެ 25 ޑިސްޓްރިކްގެ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ވަނީ މި ކާރިސާގެ އަސަރުކޮށްފައެވެ.