ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރގެ ތެރޭގައި ހިމެނޭ، ޖަން ޑީ ނުލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" ބޯޓުން މިއަދު ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

Ad
rt

މި ޑްރެޖަރާއެކު، ރާއްޖޭގައި ކުރިއަށްގެންދާ މޫސުމީ ބަދަލުތަކާ ގުޅޭ އެންމެ ބޮޑު މަޝްރޫޢުއެއް ކަމަށްވާ، 100% ނެޓް ޒީރޯ ކާބަން ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލޭގެ ބިން ހިއްކުމުގެ ބާރުމިން ތިންގުނަ ހަލުވިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މި މަސައްކަތް ފެށުނު ވަގުތުތަކަށް ބަލާއިރު، މި ބޮޑު ޑްރެޖަރު ރަސްމާލެއަށް ގެނެސްފައިވަނީ ނޮވެންބަރު 30 ގައެވެ. އަދި ފުރަތަމަ ފަހަރަށް ބިން ހިއްކަން ޑްރެޖް ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހު ފަތިހު 05:00 ގައެވެ.

ރަސްމާލޭގެ އިތުރުން، ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރިއަށގެންދަވަމުންނެވެ.