ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ކުޑަކުދިންނަކީ މި ޤައުމުގެ އުންމީދުގެ ހުޅުކޮޅުކަމުގައާއި، ފާގަތި މުސްތަޤުބަލެއްގެ ބިންގަލުގެ ގޮތުގައި ސިފަކުރަށްވައިފިއެެ.
ރައީސް މިފަދައިން ވިދާޅުވީ، ކޮންމެ އަހަރެއްގެ ނޮވެންބަރު 20 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި މެސެޖެއްގައެވެ.
އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ރައްކާތެރިކަމާއި، އަބުރުވެރިކަމާއި، އެކަށީގެންވާ ފުރުޞަތުތައް ކަށަވަރުކޮށްދިނުމަށް ދިވެހިން ތިބީ އެއް އަޒުމެއްގައިކަން ފާހަގަކުރައްވައިފައެވެ. އަދި ކޮންމެ ކުއްޖަކަށް ވެސް، އެ ކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނެ ފަދަ ވެއްޓެއް ޤާއިމުކުރުމަށްޓަކައި، މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
''އަޅުގަނޑުމެންގެ ދަރިންނަކީ އަޅުގަނޑުމެންގެ އުންމީދު، އަޅުގަނޑުމެންގެ ޤައުމުގެ ހިތް، އަދި ފާގަތި ދިވެހިރާއްޖެއެއްގެ ބިންގާއެވެ. އެކުދިން ކުރިއަރައި، ފޮޅިގެންދިއުމަށްޓަކައި، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަމާ ހިނގާށެވެ!" ރައީސް ވިދާޅުވެފަވެއެވެ.
މި މުނާސަބާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ފަސްޓް ލޭޑީ، ސާޖިދާ މުޙައްމަދު ވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވައިފައެވެ. އެ މެސެޖުގައި އެކަމަނާ ވަނީ، ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާއެކު އެކުދިންނާ މުޢާމަލާތުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންގެ ހިތްވަރާއި، އުފެއްދުންތެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުދިންގެ ޝުޢޫރުތަކާއި ޚިޔާލުތަކަށް އިޙްތިރާމު ޙައްޤުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންނަށް މާނަވީ ގޮތެއްގައި ފުރުޞަތުތައް ހޯދައިދީ، އުންމީދުން ފުރިގެންވާ މުސްތަޤުބަލެއްގެ ތަޞައްވުރު، އެކުދިންނަށް ހޯދައިދިނުމަކީ ޖަމާޢީ މަސްއޫލިއްޔަތެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަސް، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކުޑަކުދިންގެ ހެވާއި ލާބައަށް މަސައްކަތްކޮށް، އެކުދިންގެ ޙައްޤުތައް ނެގެހެއްޓުމަށް މުޅި ދުނިޔެ ހިއްސާކުރާ ޒިންމާ ހަނދާންކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!