ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ލިބިގެންދިއުމަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވި، ދިވެހިންނަކީ ހަމަހަމަބައެއްކަން އަމަލީގޮތުން ސާބިތުކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ އެކަމަނާ މިފަދައިން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) ގެ "ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން" ރަސްމީކޮށް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވެ، އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭކަން އެނގެއެވެ. އަދި ހުރިހާ ދިވެހިންނަކީ ވެސް ހަމަހަމަ ބައެއްކަން މިފަދަ މަސައްކަތްތަކުން އަމަލީގޮތުން ސާބިތުކޮށްދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ތާރީޚީގޮތުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއަށް އަގުނުކުރެވޭ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެފަދަ ފަރާތްތަކަށް ބޭނުންވަނީ މުޖުތަމަޢުގެ ނަޒަރިއްޔާތު ބަދަލުކޮށް، އެކަށީގެންވާ ގަދަރާއި ހިތްވަރު ދީ، އަމިއްލަ މަސައްކަތުން ދިރިއުޅުން ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 30 ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރައްވާފައެވެ.

މީގެ އިތުރުން، އެމް.ޕީ.އެލް.ގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރާ އެކްސެސިބިލިޓީ ފީޗަރ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.