ޗައިނާއާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި "ކޮވިޑް-19" ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވަން އޮތް ފުރުސަތު ހަނިވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބެނެފިއެވެ.
ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ޣެބްރެޔެސަސް ވިދާޅުވީ، ވައިރަސް ކޮންޓްރޯލްކޮށް ހުއްޓުވަން އޮތް ފުރުސަތު ހަނިވެ، ދޮރު ބަންދުވަމުންދާ ކަމަށެވެ.
ޓެޑްރޯސް އަދަނޮމްވަނީ، މި ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ވަރަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މިކަން ކޮންމެ މިސްރާބަކަށްވެސް ހިނގައިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ މިއިންޒާރު އައީ، މެދުއިރުމައްޗާއި، ދެކުނު ކޮރެއާއިން ވައިރަސްއަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެންނެވެ.
ވައިރަސްގައި އީރާނުން މަރުވި މީހުންގެ އަދަދު ފަހަކަށް އަރާފައިވާއިރު، މެދުއިރުމަތީގައި ހިމެނޭ އިސްރާއީލާއި ލުބުނާނުންވެސް މިހާރުވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުން ފެނިފައެވެ. މިކަމާހެދި މެދުއިރުމަތި މިހާރުވަނީ ތައްޔާރީ ހާލަތަށް އައިސްފައެވެ.
އީރާނުން މަރުވި މީހުންގެ އަދަދު ފަހަކަށް އެރިއިރު، އެގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 28 އަށް ވަނީ އަރާފައެވެ.
އީރާނުގައި ވައިރަސް ފެތުރެމުންދާތީ، އީރާނާ އިންވެގެން އޮންނަ އިރާގާއި، ކުވައިތުން މިހާރުވަނީ އެ ގައުމުތަކުގެ އެއްވެސް މީހަކަށް އީރާނަށް ނުދެވޭނޭހެން ސަރަހައްދީ އިން ބަންދުކޮށްފައެވެ. އަދި އީރާނުން އެއްވެސް މީހަކު އެގައުމުތަކަށް އައުންވެސް ވަނީ މަނާކޮށްފައެވެ.
ވައިރަސްގައި ހުކުރު ދުވަހު އިޓަލީން މީހަކު މަރުވެއްޖެކަން އެގައުމުން ރިޕޯޓްކޮށްފައިވާއިރު، ހޮނިހިރު ދުވަހުވެސް ވަނީ، އަންހެނަކު މަރުވެފައިވާކަން ހާމަކޮށްފައެވެ. މިއީ، ވައިރަސްގައި ޔޫރަޕްގެ ގައުމަކުން މީހުން މަރުވާންފެށި ފުރަތަމަ ފަހަރެވެ.
މިކަމާހެދި އިޓަލީ ސަރުކާރުން މިހާރުވަނީ، އެގައުމުގެ 10 އަވަށެއް ބަންދުކޮށްފައެވެ. އެ އަވަށްތައް ބަންދުކޮށް ގާތްގަނޑަކަށް ފަންސާސް ހާހެއްހާ މީހުން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް ވަނީ އަންގާފައެވެ.
ވައިރަސް ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ ތިންމަސްދުވަހުގެ ޕްލޭއް އެކަށައަޅައި، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މިހާރު މަސައްކަތް ކުރަމުންގެންދަނީ އެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަނެއްކޮޅުން، ވައިރަސްއާ ގުޅޭ ކަންކަން ތަހްގީގުކުރުމަށް ޑަބްލިޔޫއެޗްއޯއިން ޗައިނާއަށް ފޮނުވި ޚާއްސަ ތަޖުރިބާކަރުންގެ ޓީމު މިއަދުވަނީ ވުހާން ސިޓީއަށް ގޮސްފައެވެ. ތަޖުރިބާކާރުން މަސައްކަތް ކުރަމުންދަނީ ވައިރަސް ދެނެގަތުމަށެވެ.
މީގެއިތުރުން، ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ ބޭހެއް ނުވަތަ ވެކްސިނެއް، އަވަސް މަގަކުން ހޯދޭނޭ ގޮތްތަކަކަށްވެސް ސިއްހީ ތަޖުރިބާކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ވައިރަސްއަށް އަލަށް ޕޮޒިޓިވްވާ ޗައިނާ ރައްޔިތުންގެ އަދަދު ދަށަށްދާ ކަމަށް ރެކޯޑްކުރެވިފައި ވާއިރު، މި ވައިރަސްގެ ސަބަބުން ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 2461 އަށް އަރާފައެވެ. އަދި ޗައިނާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 79930 އަށްވުރެ މައްޗަށް ގޮސްފައެވެ.
ޗައިނާގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ވުހާންއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ފެތުރޭންފެށި ނުރައްކާތެރި ވައިރަސް ޗައިނާއިން ބޭރުވެ ދުނިޔޭގެ 25 އަށްވުރެ ގިނަ ގައުމުން މިހާރު ފެނިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!