ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން އެރަށުން ދިރިއުޅުމަށް އަލަށް ދޫކޮށްފައިވާ 105 ބަންޑާރަ ގޯތީގެ ވަގުތީ ރަޖިސްޓްރީއާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައި އިޢުލާނުކޮށްފިއެވެ.

ގޯތި ލިބިފައިވާ ފަރާތްތަކަށް ލިޔުންތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 21 ނޮވެންބަރު 2025 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ސުލައިމާނިއްޔާ ހޯލުގައެވެ. މި ބައްދަލުވުމުގައި، ގޯތި ލިބިފައިވާ ކަމުގެ ލިޔުމާއި ވަގުތީ ރަޖިސްޓްރީއާ ހަވާލުވުމަށް، ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ކައުންސިލުން ވަނީ ދަޢުވަތު އަރުވާފައެވެ.

Ad
rt

އެއްވެސް ސަބަބަކާހުރެ ބައްދަލުވުމަށް ހާޒިރު ނުވެވޭނަމަ، ބަދަލުގައި މީހަކު ފޮނުވުމުގެ ފުރުސަތު ކައުންސިލުން ވަނީ ހުޅުވާލާފައެވެ. ނަމަވެސް، ބަދަލުގައި މީހަކު ފޮނުވާނަމަ، އެފަރާތަށް ގޯތި ލިބިފައިވާ ކަމުގެ ލިޔުމާއި ވަގުތީ ރަޖިސްޓްރީއާ ހަވާލުވުމާއި ގުޅޭ އެންމެހާ ކަންކަމުގައި ބައިވެރިވުމުގެ ޕަވާރ އޮފް އެޓާރނީ ހަވާލުކޮށްފައިވާކަން 20 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 20:00 ގެ ކުރިން ކައުންސިލަށް އެންގުމަށް ވަނީ އެދިފައެވެ. މިކަމަށްޓަކައި ކަނޑައަޅާފައިވާ ފޯމް ލިންކަކީ https://www.vaikaradhoo.gov.mv/power_of_attorney އެވެ.

ވައިކަރަދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކުރުމަށްފަހު، ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލާފައިވަނީ 24 ޖެނުއަރީ 2024 ގައެވެ. މި ބުރުގައި ޖުމްލަ 107 ބަންޑާރަ ގޯތި ދޫކުރުމަށް އިޢުލާނުކުރި ނަމަވެސް، މިހާރު ވަގުތީ ރަޖިސްޓްރީ ދޫކުރަނީ 105 ގޯއްޗަށެވެ.

މި ގޯތިތަކަކީ ރަށުގެ ހުޅަނގުކޮޅުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 42 ގޯތި އަދި އިރުމަތީ ކޮޅުން 65 ގޯއްޗެވެ. މި ގޯތިތަކުގެ ބޮޑުމިނަކީ 2500 އަކަފޫޓާއި 3000 އަކަފޫޓާ ދެމެދެވެ.

ގޯތި ހަވާލުކުރެވޭ ފަރާތްތަކުގެ ލިސްޓް