ޑޮލަރު މާރުކުރުމުގެ ޤާނޫނާއި ގަވާއިދުގެ ދަށުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި، އަދި ގްރޮސް ރިޒާވްގައި އޮކްޓޯބަރު މަހުގެ ނިޔަލަށް 864 މިލިއަން ޑޮލަރު ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ''ރައްޔިތުންނާއިއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު'' ގައެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވަނީ ޑޮލަރު މާރުކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން، ޑޮލަރު މާރުކުރުމުގެ ޤާނޫނާއި ގަވާއިދުގެ ދަށުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ޖުމްލަ 584 މިލިއަން ޑޮލަރު ބޭންކުތަކަށް ވަނީ މާރުކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގްރޮސް ރިޒާވްގައި އޮކްޓޯބަރު މަހުގެ ނިޔަލަށް 864 މިލިއަން ޑޮލަރު ހުރިކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ކުރީގެ ސަރުކާރުތަކުން ފުނިޖެހިފައި ހުރި ބިލުތައް ދެއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، 1000 އަށް ވުރެ ގިނަ ފަރާތްތަކަށް 444.3 މިލިއަން ޑޮލަރުގެ ބިލުތައް ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ޤާނޫނާއި ގަވާއިދުގެ ތެރެއިން މި ހުރިހާ ލެގަސީ ބިލްތައް ނިންމަމުންދާއިރު، އިޤްތިޞާދު ޑިފޯލްޓް ނުވެ، އަދި ފައިސާ ޗާޕުނުކޮށް ކުރިއަށް ގެންދެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!