"މަރަކީ އެއް ފަހަރުވާ ކަމެކެވެ. ވިހާނީ ވެސް އެއް ދުވަހު އެވެ. ތިބޭނެ ކަމެއް ނެތެވެ. އަރައިގަންނަންވީ އެވެ. ދޯނި ދަމައިގަންނާށޭ"

އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި ދައުލަތުގެ އިހުމާލާއި މެދު އުތުރުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލައި، ހައްޤު މިންވަރު ހޯދުމަށް ފެށި ދަތުރަކީ "އުތުރު ގަޑުބަޑު" ގެ ގޮތުގައި ނުވަތަ "ތިލަދުންމަތީގެ ބަޣާވާތު" ގެ ގޮތުގައި ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް އުތުރުގެ ރައްޔިތުން ދެކެނީ އެ މަސައްކަތަކީ ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތެއްގެ ގޮތުގައެވެ.

Ad
rt

މީގެ 77 އަހަރު ކުރިން ރާއްޖެ ބަނޑަށްޖެހި، ތިލަދުންމަތީގެ ރައްޔިތުން ހާލުގައި ޖެހުމުން އެ ރައްޔިތުން ދުށީ އެކަމުގައި ދައުލަތުން އަޅައިލަންވާ މިންވަރަށް އަޅައިނުލާ އިހުމާލު ވަމުން ދާކަމަށެވެ. މަރާއި ދިރިތިބުން އޮތީވެސް ބަނޑުފުރާނަމުއްތި ކޮށްގެން ކަމަށްވީއިރު އެރަށްޔިތުން އަތުގުޅާލީ އެކަމަށް ހައްލު ހޯދައި ވީހާލެއްގައިވާށެވެ. އެއީ ދައުލަތާއި ދެކޮޅުވެރިވެ ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން ކުރިކަމެއް ނުމެ ނޫންމެއެވެ.

ފެށުމުގައި މިދަންނަވައިލީ މީގެ 77 އަހަރު ކުރިން ތިލަދުން މަތީގެ ރައްޔިތުން މަތަކޮށް ސުލްހަ ކުރުމަށް އުތުރަށް ފޮނުއްވި ސުލްހައިގެ މަންދޫބުން ހދ. ކުޅުދުއްފުށްޓަށް ދިޔަ ދޯނި ގޮނޑުދޮށާއި ކައިރިވުމާއެކު ކޮނޑަށް ކަނދުބުރިތައް ލައިގެން ނުކުތް ރައްޔިތުންގެ ކޮމާންޑަރަކަށް ހުރީ ކުޅުދުއްފުށީ އަލަވަލު މޫސަ ގޮވައިލި ބަސްތަކެވެ.

"މަރަކީ އެއް ފަހަރުވާ ކަމެކެވެ. ވިހާނީ ވެސް އެއް ދުވަހު އެވެ. ތިބޭނެ ކަމެއް ނެތެވެ. އަރައިގަންނަންވީ އެވެ. ދޯނި ދަމައިގަންނާށޭ"

އުތުރު ރައްޔިތުން ހައްޤު ހޯދުމަށް ފުރުމަށް ތައްޔާރުވަމުން ދިޔަ މައި ރަށް، ކުޅުދުއްފުށީގައި ސުލްހައިގެ ވާހަކަަތައް ކުރިޔަށް ގެންދަން މުޙައްމަދު ޖަމީލާއި މަލިން މުހައްމަދު ދީދީ ދައުލަތުގެ ފަރާތުން ސުލްހައިގެ މަންދޫބުންގެ ގޮތުގައި ފުރާވަޑައިގަތީ މީގެ 77 އަހަރު ކުރިން މިއަދު 22 ފެބުރުއަރީ 1943 ގަ އެވެ.

މިވާހަކަ އެންމެ ފުރިހަމައަށް އެނގިވަޑައި ގަންނަވާނީ އެ ދަތުރުގައި ވަޑައިގެން ދައުލަތުގެ ސުލްހައިގެ މަންދޫބު މުޙައްމަދު ޖަމީލަށްކަން ކަށަވަރެވެ.

އެހަނދާންތައް އައު ކޮށްލުމަށް މުޙައްމަދު ޖަމީލުގެ "ތިލަދުންމަތީގެ ދަތުރުގެ ހަނދާން" ފޮތް ހުޅުވައިލާނަމަވެ. ވިދާޅުވެ ލަށްވާށެވެ.

" ދައުލަތުގެ ފަރާތުން ފޮނުއްވީމައި، ރާއްޖޭގެ ރައްޔިތުންގެ ހާލުބަލައި، ރަށްރަށުގެ ރައްޔިތުންނަށް ނަސޭޙަތްދީ އަދި ކާޑު ތަކެއްޗާއި މެދު ފެންނަ ލަފާގޮތަކަށް ކަންތައްތައް ހަމަޖައްސައި ދެމުންދާން މާލެއިން ފުރީ 16 ޞަފަރު 1362ހ، ވީ ހޯމަ ދުވަހުގެ ހެނދުނު 10 ޖެހި އިރުއެވެ. ދަތުރުކުރީ ވައިކަރަދޫ އިބްރާޙީމް ތަކުރުފާނުގެ ބައްތެލީގައެވެ.

މާލެއިން ފުރި ދުވަހުވެސް އާދައިގެ މީހުންގެ ތުންތުން މަތީގައި، ތިލަދުންމަތީގެ މީހުން އައުމުގެ ވާހަކައެއް ހިނގައެވެ. އެތައް މިތާގައި ކަރުދާސް ހިތްޕުމާއި ތަންތަނަށް ސިޓީލުންވެސް ހިނގައެވެ. އެކަމަކު އަތޮޅުވެރީންގެ ފަރާތުން ދަޢުލަތަށް އެނގިފައި އޮތީ، އެބައި މީހުން މައިތިރި ވެއްޖެކަމާއި އެބައިމީހުންނަށް އުޅެވުނު ގޮތާއިމެދު މާފު އެދިއްޖެކަމަށެވެ. ކޮންމެ އަކަސް މާލެއިން އަޅުގަނޑުމެން ދެ މީހުން ފުރިއިރަކު ތިލަދުންމަތީގައި އެދަރަޖައަށް ނުކިޔަމަންތެރިކަމުގެ އަލިފާން ރޯވެފައި އޮތްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.

މާލެއިން ފުރި ދުވަހަކީ ވަރަށް ވައިވެސް ބާރު ދުވަހެކެވެ. އެކަމަކު ވައި އިތިކަމުން މެންދުރުން އަނބުރާ ތިންގަޑި ސާޅީސް ފަސް މިިނިޓު ހިނގިފަހުން ދެވުނީ މާލެ އަތޮޅު ހެނބަދޫ އުތުރުން އޮންނަ ބިސްފުއްޓޭކިޔާ ފިނޮޅު ގަނޑެއްގެ ކައިރިއަށެވެ.

ހަވީރު ވީވީހެން ވައިބާރު ވަމުން އައުމާއި، ކައިރީގައި ފަސޭހަ ބަނދަރެއް ނެތުމުގެ ސަބަބުން އެންމެންނަށްމެ ފެނުނީ އެފިނޮޅުގައި ޖެއްސުމަށެވެ. އެތަނަކީ އިރުވައި މޫސުމުގައި ތިބެން ވަރަށް ފަސޭހަ ނިވާ އޮތް ތަނެކެވެ. ފަރު ވަރަށް ބޮޑަށް އޮވެއެވެ. ރަށެއް ނޯވެއެވެ. އޮންނަނީ ދާދި ކުޑަ ފިނޮޅެކެވެ. ދިޔަވަރު ބޮޑުވީމާ ފިނޮޅު އޮންނަނީ ފޮރުވިފައެވެ.

ނުނިމޭ: