އެސޯސިއޭޓް ޕްރެސް އަދި ޑިސިޝަން ޑެސްކް އެޗްކިއުގެ ނަތީޖާތަކުން ދައްކާގޮތުން، އެމެރިކާގެ ވާޖީނިއާގެ ލެފްޓިނަންޓް ގަވަރނަރގެ މަޤާމަށް ވާދަކުރެއްވި ޣަޒާލާ ހާޝްމީ ކާމިޔާބު ހޯއްދަވައި، ދެކުނުގެ ސްޓޭޓްގައި ސްޓޭޓްވައިޑް މަޤާމަކަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަދި އިންޑިއަން އެމެރިކަން ބޭފުޅާއަށް އޭނާ ވެއްޖެއެވެ.

މީގެ އިތުރުން، އޭނާއަކީ އެމެރިކާގެ ތާރީޚުގައި ސްޓޭޓްވައިޑް މަޤާމަކަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަންހެން ބޭފުޅާއަށް ވެސް ވަނީ ވެފައެވެ.

Ad
rt

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން، އެމެރިކާގެ މުސްލިމުންނާއި ޢަރަބިންގެ ޙައްޤުތައް ދިފާޢުކުރާ ޖަމާޢަތެއް ކަމުގައިވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) ގެ ޑިރެކްޓަރ ނިހާދު ޢަވާޑު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވަމުން ވަނީ ޣަޒާލާ ހާޝްމީއަށް މި ތާރީޚީ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.

''ވާޖީނިއާގެ ލެފްޓިނަންޓް ގަވަރނަރގެ މަޤާމަށް އިންތިޚާބުވި ފުރަތަމަ މުސްލިމަށް ވީތީ މަރުޙަބާ! މިއީ ވާޖީނިއާއަށާއި، އަދި ތަފާތުތައް ބަލައިގަތުމާއި، ޚިދުމަތްތެރިކަމާއި، އިންސާފު ހުރިހާ އެންމެންނަށް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރާ އެންމެންނަށް ފަޚުރުވެރިވެވޭނެ ވަގުތެއް." އޭނާ ވިދާޅުވެފައެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ސިޔާސީ މައިދާނަށް ނުކުމެ ވާޖީނިއާ ސްޓޭޓް ސެނެޓަރަކަށް ވެފައިވާ ހާޝްމީ، މިދިޔަ އަންގާރަ ދުވަހު ނެގި އިންތިޚާބުގައި ރިޕަބްލިކަން ވާދަވެރިޔާ ޖޮން ރީޑްއާ ވާދަކޮށް ކާމިޔާބު ހޯއްދެވިއެވެ.

މިއީ ހާޝިމީ އިންތިޚާބެއްގައި ތާރީޚީ ކާމިޔާބު ހޯއްދެވި ދެވަނަ ފަހަރެވެ. މީގެ ކުރިން، 2019 ވަނަ އަހަރު އޭނާ ވަނީ ވާޖީނިއާގެ ސްޓޭޓް ލެޖިސްލޭޗަރަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އެމެރިކާ އަންހެން ބޭފުޅާއަށް ވެވަޑައިގެންފައެވެ. އެއަށްފަހު، އޭނާ ވަނީ ވޮޝިންޓަން ޑީ.ސީ. ގެ ހުޅަނގު ދެކުނުގައި އޮންނަ ޑިސްޓްރިކްޓެއް ތަމްސީލުކުރައްވަމުން ސްޓޭޓްހައުސްގައި ޚިދުމަތް ކުރައްވާފައެވެ.