ރާއްޖެ އަލުން ކާބަން ނިއުޓުރަލް ޤައުމަކަށް ވުމަށް އަމާޒު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއް ވައިފިއެވެ.
މެންބަރު އަހުމަދު ސަލީމް އެގޮތަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޒާހިރު މިއަދު މަޖީހަށް ހުށަހެޅުއްވި މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބިލުގެ އިބުތިދާއީ ބަހުސް މަރުހަލާގައި އިއްޔެ އޮތް މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ނެވެ.
މަޖިލީހުގެ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު ކަންވެސް ކުރަށްވާ ސަލީމް އިއްޔެ ހުށަހެޅުއްވީ، ރާއްޖެ އަލުން ކާބަން ނިއުޓްރަލްވުމުގެ އަހަރު ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެތެރޭގައި ކަނޑައެޅުމަށް އަމާޒު ހިފުމަށް ބިލްގައި ހިމެނުމަށެވެ.
މެންބަރު ސަލީމް ވިދާޅުވީ ރާއްޖެއިން ޖައްވަށް ގްރީންހައުސް ގޭހުގެ ގޮތުގައި ބޭރުކުރާ މިންވަރާއި ދާއިރާތައް އެނގެން އެބަހުރި ކަމަށެވެ. އޭގެތެރެއިން 67 އިންސައްތަ ހިއްސާކުރަނީ، ކަރަންޓް އުފެއްދުމަށް ކަމަށާއި، 47 އިންސައްތަ އަކީ ރިސޯޓް ދާއިރާއިން އުފައްދާ ކަރަންޓްގެ ސަބަބުން ބޭރުވާ ގޭސްކަން އެނގޭ ކަމަށެވެ.
އެެހެންކަމުން އިއާދަކުރަނިވި ހަކަތައަށް ވިސްނައިގެން ކާބަލް ނިއުޓްރަލް ވުމަށް ވެސް ހުރަހެއް ނެތް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި ދުވާލަކު 5 ގަޑިއިރު އިރުގެ އަލި ސާފުކޮށް ރާއްޖެއަށް ލިބެމުންދާއިރު އަވިން ހަކަތަ އުފެއްދޭނެ ޖަނަަރޭޓަރތައް ހިންގޭނެ ކަމަށާއި، އެހެންވެއްޖެނަމަ ރާއްޖެއަށް މާ ފުރިހަމަ މިނިވަންކަން ލިބިގެންދާނެ ކަމަށް ވެސް މެންބަރު ސަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސްގެ ތަޅުމަށް ހުށަހެޅޭ ބިލުތަކުގެ އިބުތިދާއީ ބަހުސް ނިމުމުން އެބިލްތައް ފޮނުވާނީ އެ ބިލަކާއި ގުޅޭ މަޖިލިސް ކޮމެޓީއަކަށެވެ.
ކޮމެޓީއިން ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު ރައްޔިތުންގެ މަޖިލިސްގެ ތަޅުމަށް ހުށަހެޅޭ ބިލުތަކުގެ އިބުތިދާއީ ބަހުސްގެ މަރުހަލާގައި މެމްބަރުން ހުށަހަޅުއްވާ ހުށަހެޅުންތަކަށާއި، މެންބަރުގެ ޚިޔާލުތަކަށް ރިއާޔަތް ކުރައްވަން ޖެހެއެވެ.
ކޮމެޓީއިން ބިލުތައް ފާސްކޮށް ކޮމެޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވައި، ވޯޓަށް އެހުމުގެ ކުރިން ކޮމެޓީ ރިޕޯޓާއިމެދު މެމްބަރުންނަށް ބަހުސްކޮށް އިސްލާޙް ހުށަހެޅުމަށް ފުރުޞަތު ދެވެއެވެ. ކޮމެޓީ ރިޕޯޓް އެޖެންޑާ ކުރުމުގެ ކުރިން މެމްބަރުންނަށް ކޮމެޓީ ރިޕޯޓް ފޮނުއްވައި އިސްލާހް ހުށަހަޅަން ބޭނުންނަމަ އެފުރުޞަތުވެސް ދެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބިލުގެ އިބުތިދާއީ ބަހުސް މަރުހަލާ ނިމުމުން އެ ބިލުގެ މަސައްކަތް ނިންމުމަށް ފޮނުއްވާނީ، އިއްޔެ އެހުށަހެޅުން ހުށަހެޅުއްވި މެމްބަރު ސަލީމް މުގައްރިރުކަން ކުރައްވާ މަޖިލިސްގެ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!