މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކޮށްދެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއިއެކު ކުޑަކުދިންނަށް މި މުޖުތަމައުތެރޭގައި ކުރަމުންދާ ދުއްތުރާލާއި އަނިޔާ އަދި ގޯނާތަކުން އެކުދިންނަށް މިވަނީ ގާނޫނީގޮތުން ބޮޑެތި ރައްކާތެރިކަމެއް ލިބެން ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 66 މެމްބަރުންގެ ވޯޓުން ފާސްކޮށްފައިވާ ގާނޫނުގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. ވެރިކަން ކުރާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހަށް ދިވެހިރައްޔިތުން ދިނީ ވަރަށް ފޮނި އުންމީދުތަކާއިއެކު ގާނޫނީގޮތުން ފޮނިމީރުކަން ހޯދުމަށެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެހެންގޮތަކަށް ދަންނަވަނީނަމަ އެޖެންޑާ ނަވާރައިގެ ފޮނި މީރުކަން މިވަނީ އެގާނޫނަށް އަމަލު ކުރަން ފެށުމާއި އެކު ކުޑަކުދިންނަށް ލިބެންފަށާފައެވެ.

Ad
rt

މި ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކޮށްދެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިއަދުއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނު އަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނެއެވެ.

އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެއެވެ.

މި މަގުސަދުތައް ހާސިލުކުރުމަށްޓަކައި އެ ގާނޫނަށް ގެނެސްފައިވާ އެންމެ ފާހަގަކޮށްލެވޭ އިސްލާހުތަކަކީ:

* ކުޑަކުދިންނަށް ލިބިދީފައިވާ ހައްގުތައް

ކުޑަކުދިންނަށް ލިބިދީފައިވާ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، އުނގެނުމުގެ ހައްގާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ރައުޔު ކާމަކުރުމުގެ ހައްގާއި އަޅާލުމާއި ހިމާޔަތް ލިބުމުގެ ހައްގާއި، ޖިންސީގޮތުން ނާޖާއިޒް ބޭނުންހިފުމާއި ގޯނާކުރުމުން ރައްކާތެރިވުމުގެ ހައްގާއި، އަނިޔާއާއި އާޅާނުލުމުން ރައްކާތެރިވުމުގެ ހައްގު ހިމެނެއެވެ.

ހަމައެއާއެކު ނޭދެވޭ އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ރައްކާތެރިކޮށްދިނުމުގެ ހައްގާއި އުފަންވުން ރަޖިސްޓްރީވުމާއި ނަމާއި ގައުމިއްޔަތުގެ ހައްގާއި އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ހައްގުގެ އިތުރުން މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގު އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ވެސް ހިމެނެއެވެ.

* ބެލެނިވެރިންގެ ޒިންމާތައް

ބެލެނިވެރިންގެ ޒިންމާތަކުގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައި ވަނީ ކުއްޖާ އުފަންވުމުން ރަޖިސްޓްރީ ކުރުމާއި، ކުއްޖާ ތަރުބިއްޔަތުކޮށް އުނގަންނައިދިނުމާއި ހަރަދު ދިނުމާއި ކުއްޖާ އެހެން ފަރާތަކަށްދޭ އަނިޔާއަށް ޒިންމާވުން ފަދަ ކަންކަމެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ ޒިންމާގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީ ޒިންމާދާރު ކުރުވުމާއި، ކުޑަކުދިންނާ ގުޅޭ ނިންމުންތައް ނިންމުމުގައި އެކުދިންގެ ބައިވެރިވުން ހޯދުމާއި މައުލޫމާތު އާންމު ކުރުމެވެ.

* ވެކްސިން ދިނުން ލާޒިމުކުރުން

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ގާނޫނުން ލިބިދޭ ހައްގަކަށް މިހާރު ވަނީ ވެފައެވެ.

* ކުޑަކުދިން ގްރޫމްކުރުމަކީ ކުށެއްކަމަށް ކަނޑައެޅުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެއް ކަމަށް މި ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. މީގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރުން ވެސް ހިމެނެއެވެ.

ގްރޫމްކުރުން ކަމަށް ބުނެފައި ވަނީ، އެކުއްޖާއާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.

ކުއްޖަކު ގްރޫމްކުރުމުގެ ކުށެއް ކޮށްފި މީހާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުޑަ ކުއްޖަކު ގްރޫމްކުރާ މީހާގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. ކުއްޖަކާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށް އެކުއްޖާ ބެލުން ހަވާލުވެފައިވާ ފަރާތެއް ގްރޫމްކުރުމުގެ ކުށް ކުރާ މީހާގެ އަދަބަކީ ފަސް އަހަރު ދުވަހަށް ޖަލަށް ލުމެވެ.

ކުޑަކުއްޖާ ގްރޫމްކުރީ އެކުއްޖާ އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

* 18 އަހަރު ނުވާ ކުޑަ ކުދިންގެ ކައިވެނި އަގުދުކޮށްދީގެން ނުވާނެ

އަށާރަ އަހަރުން ދަށުގެ ކުޑަކުދިންނާ ކައިވެނި ކުރުމަކީ ކުށެއް ކަމަށް ކުރިން ވެސް ގާނޫނުގައި ލިޔެފައި އޮތް ނަމަވެސް އުމުރުން 16 އަހަރުވުމަށްފަހު، އާއިލާ އާއި ކުއްޖާގެ އިއުތިރާޒެއް ނެތް ނަމަ ކައިވެނި ކުރުމަށް ހުރަހެއް ނާޅައެވެ.

އެ އުމުރުގައި ވެސް ކައިވެނި ކުރެވޭނީ ޖެންޑާ މިނިސްޓްރީން އެސެސްމަންޓެއް ހަދައި، ސުޕްރީމް ކޯޓުގެ ހުއްދައެއް ހޯދައިގެންނެވެ.

ނަމަވެސް އެހެން ގާނޫނެއްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިއަދު އަމަލުކުރަން ފަށާފައިވާ ކުޑަކުދިންގެ ހައްގުގެ ގާނޫނުގައި 18 އަހަރު ނުވާ ކުޑަ ކުދިންގެ ކައިވެނި އަގުދުކޮށްދީގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

އެއީ ކުޑަކުދިންނަކީ ސިއްހީގޮތުންނާއި ނަފްސާނީގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެފައިވާ ބައެއް ކަމުގައިނުވާތީ އާއި، އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއްކަމުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާތީއެވެ.

ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭނެ

ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއްވަރަށް ހެދިބޮޑުވެ، ތަސައްރަފު ފުރިފައިވާ ބަޔަކަށް ނުވާތީ، އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުން ކަނޑައަޅާާފައިވާތީ، ކުޑަކުދިންނަށް މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ.

އުމުރުން 18 އަހަރު ވުމަށްފަހުގައިވެސް އުމުރުން 18 ވަނަ އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެކުއްޖަކަށް ދެވޭނީ އެ ކުށަށް ދެން ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ ތިންބަޔަށް ވުރެ ބޮޑު ނޫން އަދަބެކެވެ.

* ކުއްޖަކަށް ނުރައްކާވާ ހާލަތުގައި ކޯޓު އަމުރެއް ނެތި އެތަނަކަށް ވަދެވޭނެ

ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އަދި އެކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް، އަދި ސޯޝަލް އިންކުއަރީ އާއި އެސެސްމަންޓް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ގާނޫނުން ވަނީ ދީފަ އެވެ.

އޭގެ އިތުރުން ކޯޓު އަމުރެއް ލިބެންދެން އެތަނަކަށް ވަނުން ލަސްކޮށްފިނަމަ، ކުއްޖާއަށް ނުރައްކަލެއް ވެދާނެ ކުރިމަތިވެދާނެކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެތަނަށް ވަނުމަށް ސަބް-އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެތަނަށް ވަނުމުގެ ބާރު ގާނޫނުން މިހާރު ވަނީ ދީފައެވެ.

އެއްވެސް މައްސަލައެއްގައި ކުޑަކުއްޖެއްގެ ފަރާތުން ހެކިބަހެއް ހޯދައިފިނަމަ، މިގާނޫނުގެ ދަށުން އެކުއްޖާއަށް ރައްކާތެރިކަމާ ހިމާޔަތް ލިބެން ޖެހޭނެއެވެ.

* އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން މެނުވީ އޯލްޓަނޭޓިވް ކެއާއަށް ކުއްޖަކު ބަދަލު ނުކުރުން

ގާނޫނު ބުނާގޮތުން ކުއްޖާ ބެލުން ވަގުތީ ގޮތުން އެހެން ފަރާތަކަށް ހަވާލުކުރުމުގައި އިސްކަން ދޭންވާނީ، ކުއްޖާގެ ހަޟާނާތު ދެމިގެންދާފަދަ ގޮތަކަށް ވަގުތީ ގޮތުން ހަވާލުކުރުމަށެވެ.

ކުއްޖާ ހުރި މާހައުލުން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއެކު ވީއެންމެ އަވަހަކަށް، އަދި ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އެކުއްޖާއާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަން ގާނޫނުން ވަނީ ލާޒިމުކޮށްފައެވެ.

ކުއްޖަކު އޯލްޓަނޭޓިވް ކެއާއަށް ބަދަލުކުރުމުގެ ކުރިން، އެކުއްޖެއްގެ އާއިލީ މާހައުލުން އެކުއްޖާ ދުރުނުކޮށް ނުވަތަ ނުނަގާ ވޭތޯ ބަލައި، އާއިލާގެ ފަރާތުން އެކުއްޖާއާ ހަވާލުނުވެއްޖެނަމަ، ކުއްޖައަށް އާއިލީ މާހައުލެއްގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން، އާއިލާ ތެރެއިން ނޫން ނަމަވެސް އެކުއްޖާއާ ހަވާލުވާނެ އެހެން ފަރާތެއް ހުރިނަމަ، އެފަރާތަކާ ވެސް ހަވާލުކުރަން މަސައްކަތްކޮށް، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން މެނުވީ އޯލްޓަނޭޓިވް ކެއާއަށް ކުއްޖަކު ބަދަލު ނުކުރަން ވަނީ ހިމަނައިފައެވެ.

* ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެއް

މިއަދު އަމަލުކުރަން ފެށި ގާނޫނުގައި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމާއި، ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް ކުއްޖާ ގްރޫމް ކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.

އަދި ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެކެވެ. މިފަދަ ކުށެއް ކޮށްފި މީހާގެ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށް ލުމެވެ.

* ޖެންޑާ މިނިސްޓްރީން ފުރިހަމަކުރަންޖެހޭ ކަންކަން

ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް"ގެ ނަމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހާއްސަވެގެން މަސައްކަތްކުރާނެ އިދާރާއެއް އުފެއްދުމަށާއި، ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފެއްދުން ލާޒިމުކުރެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، 90 ދުވަހުގެ ތެރޭގައި އޮމްބަޑްސްޕާސަން އައްޔަން ކުރުން ވެސް ލާޒިމްކުރެއެވެ.