ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާނެ 50 ފަގީރުން އިއްޔެ ހޮވައިފިއެވެ.
މި ފުރުޞަތު ލިބޭ ފަރާތްތައް ހޮވާފައިވަނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ގުރުއަތުލުމުގެ އުސޫލުންނެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި ގުރުއަތުލައިގެން ހޮވާފައިވަނީ ޙައްޖަށް ފޮނުވާނެ 50 ފަގީރުންގެ އިތުރުން، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ ފުރުޞަތު ދެވޭނެ 25 ރިޒާވް ފަރާތްތަކެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން 1445 އަދި 1446 ވަނަ އަހަރުވެސް 50 ފަގީރުން ވަނީ ޙައްޖަށް ފޮނުވާފައެވެ. މިހާތަނަށް ޖުމްލަ 100 ފަގީރުން ވަނީ މި ވަޢުދުގެ ދަށުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.
ފަގީރުންގެ ދަފްތަރުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިންމުމަށް ވަނީ ނިންމާފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަހަރުގެ ޙައްޖަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ވުޒާރާގެ ވެބްސައިޓްގައި އާންމުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!