ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުކުރު ދުވަހުގެ ރޭ ކުރި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން އެ ޕާޓީން ކުރި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، އަންނަ މަހުގެ 17 ވަނަ ދުވަހު އިތުރު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްތިފާގުން މިރޭ ނިންމައިފި އެވެ.

މި ނިންމުން ނިންމީ ހޯރަފުށި ދާއިރާގެ ރައީސް އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރަކަށް ފަހު އެވެ. އެ ގަރާރުގައި ވަނީ ރޭގެ އެއްވުމަށް ހުރަސްއެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރައްވާފައެވެ.

Ad
rt

އެމްޑީޕީން ކުރާ ޑިމާންޑުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމާއި، އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ ދޭން ފެށުން ހިމެނެ އެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ ބާރުތައް ހަނިކުރި އިސްލާހުތައް އުވާލުމާއި، މީޑިއާ ރެގިއުލޭޝަން ގާނޫނު އުވާލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ރޭގެ މުޒާހަރާގައި ފުލުހުން "ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ)" ބޭނުންކޮށްގެން އެތައް ބަޔަކަށް ސިއްހީ އަދި ނަފްސާނީ ގެއްލުން ލިބުނު ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމީހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

އެމްޑީޕީން އަލުން މުޒާހަރާ ބޭއްވުމަށް ނިންމި ނޮވެންބަރު 17 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ފުރޭ ދުވަސް ކަން ފާހަގަކުރެވެ އެވެ.