ޣައްޒާ އަަށް އިންސާނީ އެހީ ހިފައިގެންދާ ގްލޯބަލް ސުމޫދު ފްލޮޓިލާއިން މިއަދު ހާމަކުރި ގޮތުގައި، އިސްރާއީލުގެ ކަނޑުގެ ބާރުތަކުން 13 އުޅަނދު ހުއްޓުވާލާފައިވީ ނަމަވެސް، 30 އުޅަނދު އަދިވެސް ދަނީ ޣައްޒާގެ ސަރަޙައްދަށް ދަތުރުކުރަމުންނެވެ.

މި އުޅަނދުތަކުގެ މަޤްޞަދަކީ ހަނގުރާމައިގެ ތެރޭގައިވާ އެ ސަރަޙައްދުގެ ބަނޑުހައިހޫނުކަމުގައި ތިބި ފަލަސްޠީނުންނަށް އެހީ ފޯރުކޮށްދިނުމެވެ.

Ad
rt

"އިސްރާއީލުގެ ޣައިރު ޤާނޫނީ ހުއްޓުވުންތަކުން އަޅުގަނޑުމެން ފަހަތަށް ނުޖެހޭނެ،" ގްލޯބަލް ސުމޫދު ފްލޮޓިލާއިން ބުނެފައިވެއެވެ.

"އަޅުގަނޑުމެން ބްލޮކޭޑް ނިމުމަކަށް ގެނައުމަށާއި އިންސާނިއްޔަތުކަމުގެ މަގެއް ހުޅުވާލުމުގެ މިޝަން ކުރިއަށް ގެންދާނަން،" އެ ގްރޫޕުން އިތުރަށް ބުނެފައިވެއެވެ.

އެކްޓިވިސްޓް ގްރޫޕުން ހާމަކުރި ގޮތުގައި، މިވަގުތު އުޅަނދުތައް ވަނީ ޣައްޒާގެ އައްސޭރިއާ 85 ކިލޯމީޓަރު ނުވަތަ 46 ނޯޓިކަލް މޭލު ދުރުގައެވެ.

އިސްރާއީލުގެ އޮކިއުޕޭޝަން ނޭވީގެ ހުއްޓުމެއްނެތް އަނިޔާވެރިކަމާ ކުރިމަތިލަމުން ނަމަވެސް، އަދިވެސް ވަރުގަދައަށް ޣައްޒާއަށް ދަތުރުކުރަމުންދާ ކަމަށް އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުގެ ބާރުތަކުން ހުއްޓުވާލި ފްލޮޓިލާގެ އުޅަނދެއްގައި ހުންނަވައި ފްރާންސްގެ ޔޫރަޕިއަން ޕާލަމެންޓް މެންބަރު، އެމާ ފޯރޯ، ވަނީ އިސްރާއީލާ ގުޅުންހުރި ހުރިހާ އެއްޗެއް "ބްލޮކްކުރުމަށް" ގޮވާލައްވާފައެވެ.

"އެ ޤައުމު [އިސްރާއީލު] ބްލޮކްކުރޭ، ދުނިޔޭގެ އިޤްތިޞާދު ހުއްޓުވާލާ! ފްލޮޓިލާގެ މިޝަން ނިންމަމާ ހިނގާ، ބްލޮކޭޑް ނިމުމަކަށް ގެނެސް، ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް ނިންމާލަމާ ހިނގާ!" އޭނާ މިފަދައިން ބުނެފައިވެއެވެ.