އަންނަ އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުން ފެށުމަށް އެމްޑީޕީން ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނަކީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ 3 އޮކްޓޯބަރުގެ އެއްވުމަކީ ވަސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށް ބުނެފައެވެ.

Ad
rt

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، އެ ޕާޓީން ވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ ބައްދަލުކޮށް، އެއްވުމާ ގުޅޭ މައުލޫމާތު ދީފަ އެވެ. އަދި ހަމަ އެދުވަހު އެއްވުން ކުރިއަށް ގެންދާނެ މަގުތަކާއި ރޫޓުގެ ތަފްސީލު ލިޔުމުން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. އެމްޑީޕީން ބުނެފައި ވަނީ، ފުލުހުންނަށް އަންގާފައިވާ ރޫޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ އެ ޕާޓީން ބާއްވަން ނިންމާފައިވާ ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މި ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ފުލުހުންގެ ހިދުމަތް ސިޔާސީ ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތެއް ނުދޭނަން: ފުލުހުން

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 3 އޮކްޓޯބަރ 2025 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތުގައި މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންވެ އެފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.