ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 3 އޮކްޓޯބަރ 2025 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތަކާ ގުޅިގެން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެހަރަކާތާއި ގުޅިގެން އެފަދަ އަމަލުތައް ހިންގުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ، މާލޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ވަނީ ބަޔާންކޮށްފައެވެ.
ފުލުހުން ބުނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ ޚިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއްކަމަށެވެ.
ނަމަވެސް، 3 އޮކްޓޯބަރު ހިނގާލުން، ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ކުރިއަށް ގެންދިއުމަށާއި، އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެ ކަންކަން ކަމުގައި ފުލުހުން ދެކޭކަމަށް ވެސް ބުންޏެވެ.
އެހެންކަމުން، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!