ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އައު ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމަށް މުޙައްމަދު ބައްސާމް އާދަމް ޢައްޔަނުކޮށްފިއެވެ.

މަޓާޓޯގެ ސީއީއޯ ގެ މަޤާމަށް ޢައްޔަނުކުރި ބައްސާމްއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި މެހުމާންދާރީގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާގެ ކެރިއަރުގައި ޓްރެވަލް އޭޖެންޓުންނާއި، އެއަރލައިންތަކާއި، މަންޒިލް މާކެޓްކުރުމުގެ މަސައްކަތްތަކުގައި އިސް މަޤާމުތައް ފުރުއްވާފައިވެއެވެ. އަދި އިސްތިރާޖީ ވިސްނުމާއި، ހިންގުމުގެ ޤާބިލުކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ވަކާލާތުކުރެއްވުމުގައި ރަނގަޅު ނަމެއް ހޯއްދަވާފައިވެއެވެ.

Ad
rt

މަޓާޓޯއިން ބުނިގޮތުގައި މި މަޤާމަށް މީހަކު ހޮވުމަށް ކުރި މަސައްކަތުގައި، ގިނަ ކެންޑިޑޭޓުންނެއް ބައިވެރިވެ، ދަތި އިންޓަވިއު މަރުޙަލާއެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި މަޓާޓޯގެ ބޯޑުން ވަރަށް ފުންކޮށް ވިސްނުމަށްފަހު، އެއްބަސްވުމާއެކު ބައްސާމް ހޮވުމަށް ނިންމެވީ އޭނާގެ ފުޅާ ތަޖުރިބާއާއި، ސާބިތުވެފައިވާ ލީޑަރޝިޕާއި، ދިވެހި ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ މަޞްލަޙަތު ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް ބައްލައިގެންކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަޓާޓޯގެ 20 ވަނަ އަހަރީ ދުވަސް 2026 ގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، އެ ޖަމްޢިއްޔާއިން ވަނީ މި އަހަރު ފާހަގަކުރުމަށް ޞިނާޢަތުގެ މުހިންމު އަހަރެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ބައްސާމްގެ ލީޑަރޝިޕްގެ ދަށުން، މަޓާޓޯއިން އަމާޒު ހިފާފައިވަނީ މި ދާއިރާއަށް ވަކާލާތުކުރާ މައިގަނޑު ފަރާތެއްގެ ގޮތުގައި ޖަމްޢިއްޔާގެ ދައުރު ހަރުދަނާކުރުމަށާއި، މެމްބަރުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށާއި، އަދި ރާއްޖެއާއި ބޭރުގައި ޖަމްޢިއްޔާގެ މަސައްކަތްތައް ފުޅާކުރުމަށްކަމަށް މަޓާޓޯއިން ބުނެފަވެއެވެ.

"މި މުހިންމު ދަނޑިވަޅުގައި އަޅުގަނޑުމެން އުފަލާއެކު ބައްސާމް، ސީއީއޯގެ މަޤާމަށް މަރުޙަބާ ދަންނަވަން، ބައްސާމްގެ ފުޅާ ޢިލްމާއި ޞިނާޢަތުގެ ތަޖުރިބާއިން މަޓާޓޯއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށް އަޅުގަނޑުމެން ޔަޤީންކުރަން، އަޅުގަނޑުމެންގެ މެމްބަރުންނަށާއި މުޅި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް ބައްސާމާއެކު މަސައްކަތްކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަން" މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފަވެއެވެ.

މި މަޤާމާ ޙަވާލުވުމަށްފަހު ބައްސާމް ވިދާޅުވެފައި ވަނީ މަޓާޓޯގެ ސީއީއޯގެ މަޤާމަށް ޢައްޔަނުކުރެވުނުކަމީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުރިއެރުމަށް މަސައްކަތްކުރާ މި މުހިންމު ޖަމްޢިއްޔާގެ ލީޑަރޝިޕް ޓީމާ ގުޅުމަށް ވަރަށް ބޮޑަށް އުފާކުރާކަމަށް ވެސް ވިދާޅުވެފަވެއެވެ.

''އަޅުގަނޑުގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން، މަޓާޓޯގެ މެމްބަރުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނަން." ބައްސާމް ވިދާޅުވެފަވެއެވެ.

މަޓާޓޯ ވުޖޫދަށް އައީ 2006 ވަނަ އަހަރު އެވެ. އެ ޖަމިއްޔާ އިން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މަސައްކަތް ކުރަމުންނެވެ. ދިވެހިރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ވެސް މަސައްކަތްކުރާ މި ޖަމިއްޔާއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ތަފާތު އެވޯޑުތައް ވެސް ތައާރަފްކޮށްފައިވެ އެވެ.

މަޓާޓޯގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެންބަރު އާމިނަތު ސޫޒަން އެވެ. އޭނާ އަކީ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ ވެސް އެގްޒެކެޓިވް ބޯޑް މެންބަރެއްގެ މަގާމުވެސް ފުރުއްވާ ސޫޒަން މަޓާޓޯގެ ސީއީއޯގެ މަގާމާއި ހަވާލުވީ 27 ޖެނުއަރީ 2024 ގައެވެ. އޭނާ ވަނީ 8 ސެޕްޓެމްބަރު 2025 ގައި އަމިއްލަ މަސައްކަތަށް ވަގުތު ހުސްކުރެއްވުމަށް އެ މަގާމުން އިސްތިއުފާދެއްވާފައެވެ.