ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް އަރާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 77 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 6 މީހުން ހިމެނެއެވެ. އަދި 379 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ad
rt

މީގެ އިތުރުން، ކުރިން އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ވީރާނާވެފައިވާ ޢިމާރާތްތަކުގެ ތެރެއިން ދެ ހަށިގަނޑު ފެނިފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އިސްރާއީލުގެ ފަހުގެ ހަމަލާތަކުގައި ވަނީ ޣައްޒާ ބިމާހަމަކޮށް ވީރާނާކޮށްލާފައެވެ. އެސިޓީ ކާބޯތަކެތި ހުސްވެ، ފަލަސްތީނު ރައްޔިތުން ބަންޑަށްޖެހި މަރުވަމުންދާއިރު، ސިއްހީ ފަރުވާދެވޭނެގޮތެއްނެތި ހޮސްޕިޓަލްތައް ވެސް ވަނީ ފުނޑުފުނޑުކޮށް ވަސީލަތްތައް ނައްތާލާފައެވެ.

އިސްރާއީލުން ޣައްޒާގައި ނަސްލުނައްތާލުމުގެ ޢަމަލު ތަކުރާރުކޮށް ހިންގަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޖުމްލަ 66,005 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، 168,162 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.