ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއްކަމަށާއި، އެއީ ޤަބޫލުކުރެވޭނެކަމެއްނޫންކަމުގައި، ބްލޮކްބަސްޓާ އެކްޝަން ފްރެންޗައިޒްތަކާއި މިނިވަން ޑްރާމާތަކުގައި ވެސް ވަރސައިޓިލިޓީ އަށް މަޝްހޫރު އެމެރިކާގެ ކާމިޔާބު ބަތަލާ އަދި ޕްރޮޑިއުސަރ ޖެނިފަރ ލޯރެންސް ބުނެފިއެވެ.

ސަން ސެބަސްޓިއަން ފިލްމް ފެސްޓިވަލްގައި އޭނާގެ އައު ފިލްމް "ޑައި، މައި ލަވް" ޕްރޮމޯޓްކުރަމުން، އޮސްކާ ލިބިފައިވާ ތަރި ޖެނިފަރ ލޯރެންސް، ހުކުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ބުނީ، އެ ހަނގުރާމައަކީ ލަދުވެތިކަމެއްކަމަށާއި އަދި އެއީ ނަސްލުނައްތާލުމުގެ ޢަމަލެއްކަމަށެވެ.

Ad
rt

"އަހަރެން ވަރަށް ބިރުގަނޭ އަދި މިކަމަކީ ލަދުވެތިކަމެއް. މިހާރު ހިނގަމުންދަނީ ޖެނޮސައިޑެއް، އަދި މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. އަހަރެންގެ ދަރިންނާއި، އަހަރެމެން އެންމެންގެ ދަރިންނާ މެދު ބިރުގަނޭ" ޖެނިފަރ ލޯރެންސް ބުނެފަވެއެވެ.

އޭނާ ވަނީ އެމެރިކާގެ ސިޔާސީ މަޝްރަހުގައި ހުރި ބައިބައިވުންތަކާ މެދުވެސް ލޯރެންސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިހާރު ވޯޓުލާ އުމުރުގެ 18 އަހަރުގެ ކުދިންނަށް، ސިޔާސީ މައިދާނުގައި އިންޓެގްރިޓީއެއް ނެތުމާއި، ސިޔާސީ ލީޑަރުން ދޮގުހެދުމާއި، އަޅާނުލުން އާންމު ކަމަކަށްވެގެން ދާނެ" އޭނާ ބުނެފަވެއެވެ.

ލޯރެންސް އިތުރަށް ބުނީ، ދުނިޔޭގެ އެއްފަރާތެއްގައި ހިނގާ ހަނގުރާމައާއި ހަލަބޮލިކަމަށް އަޅާނުލައި ތިބުމަކީ، އެފަދަ ކަންކަން އަމިއްލަ ގައުމަށްވެސް ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ.

"ޑައި، މައި ލަވް" އަކީ ލިން ރެމްސޭގެ އެންމެ ފަހުގެ ފިލްމެވެ. މި ފިލްމުގައި ލޯރެންސް ކުޅެނީ އެމެރިކާގެ ގްރާމީށް ސަރަހައްދެއްގައި ދިރިއުޅޭ، ކައިވެނި، މައިވަންތަކަން އަދި ގޭތެރޭގެ ޒިންމާތަކުގެ ބުރައިން ނަފްސާނީ ގޮތުން ބަލިކަށިވަމުންދާ އަންހެނެއްގެ ދައުރެވެ. މި ފިލްމުގައި ރޮބަޓް ޕެޓިންސަން، ސިސީ ސްޕޭސެކް، ނިކް ނޯލްޓް އަދި ލަކީތު ސްޓޭންފީލްޑް ފަދަ ތަރިން ބައިވެރިވެއެވެ.