ކޮޅުމަޑުލު ކިނބިދޫ-ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލަދެއްވާނެކަމަށާއި، އެ މަޝްރޫޢު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށް ކަމަށް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު ކިނބިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކިނބިދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކިނބިދޫ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެއަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫޢު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށްކަމަށާއި އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާކަން ރައީސް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދަކަށް ވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢު ފަދަ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!