ވަޒީފާއާއިބެހޭ ޤާނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން ކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބުދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.
މެމްބަރު އަބުދުﷲ ވަޙީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއާއިބެހޭ ޤާނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން ކަމަށެވެ. އަދި އެމަސައްކަތް އެމަގުންކުރައްވާނެ ކަމަށްވެސް މެމްބަރު ވިދާޅުވެފައި ވެއެވެ.
މިހާރު މަޖްލިސްއަށް ސަރުކާރުގެ ފަރާތުން ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު އީސާ ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހްތަކާއިމެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ވަޒީފާއާއިބެހޭ ޤނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން. އެމަސައްކަތް އެމަގުންކުރާނަން. https://t.co/KMtMl2qf2U
— Abdulla Waheed (@waddxy) February 16, 2020
އެގޮތުން މަސައްކަތް ތެރިންނާއި، އާންމު ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންދާ އެއް އިސްލާޙަކީ، ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭވޭނެ މުއްދަތު ނުވަތަ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކުރެވޭނެ ގޮތަށް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެވެ. މިހާރު އެޤާނޫނުގައި އެމުއްދަތު އޮންނަނީ 3 މަސްކަމަށެވެ.
އެއިސްލާޙުތަކާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅު ކުރަމުން އަންނާތީ މެމްބަރު އަބުދު ﷲ ވަޙީދު އެގޮތަށް ވިދާޅުވެފައިވާއިރު، ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބުދުﷲ ވެސްވަނީ ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތައް ވާންޖެހޭނީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ބަދަލުތަކަކަށް ކަމަށާއި، ވަޒީފާގެ ޔަޤީންކަން ލިބިދޭ ހައްޤުތައް ކަށަވަރުވާނެ ބަދަލުތަކަކަށް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!