ނިދާފައި ހޭލިއިރު ބަލީގެ އެއްވެސް އަސަރެއް ނެތެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ވަޒީފާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައީމެވެ. ފެންވަރާ ސައިބޮއި ވެސް ނިމުނުފަހުން ކުއްލިޔަކަށް ބަނޑުގައި ރިއްސައިގެންފިއެވެ. ފާޚާނާއަށްވަދެ ބޮޑުކަމު ދިޔައިރު ބަނޑު ދިޔާވެފައި ހުރިކަން ފާހަގަވިއެވެ. ފާޚާނާ ކޮށްލައިގެން ނުކުތީ ވެސް އޮފީހަށް ދެވޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ބަނޑަށްވާ އުނދަގުލަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. އޮފީހަށްދާ ގަޑިޖެހެން ގާތްވެފައި ހުރުމާއިއެކު ސަލާމުގެ މެސެޖެއް ލިޔެލާފައި އޮފީހަށް ފޮނުވާލީމެވެ.

ކަޅު ސައިތައްޓެއް ބޮއިގެން ކުޑަކޮށް އަރާމު ކޮށްލުމަށްފަހު ޑަކްޓަރަށް ދިއުމަށް ނިންމައި އެނދުގައި ހަނިއަރިއަށް ޖައްސާލިތަނުން ލޯމެރިއްޖެއެވެ. ހޭލެވުނުއިރު 10 ވެސް ޖަހައި ބޮޑުވެއްޖެއެވެ. ކުރިން ބަނޑަށްވީ އުނދަގުލުގެ އެއްވެސް އަސަރެއް ހޭލެވުނުއިރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރަނގަޅު ވިޔަސް ޑަކްޓަރަށް ނުގޮސް ވާކަށް ނެތެވެ. ސަލާމުގެ ސެޓިފިކެޓް ހަދަން ޖެހޭތީ ޑަކްޓަރަށް ދިޔައީމެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން ނަމްބަރެއް ނަގައި ކިޔޫ ގައި މަޑުކޮށްލީމެވެ. ކުރިޔަށް ދުއިސައްތަ ވަރަކަށް މީހުން ކިޔޫގައި އެބަތިއްބެވެ.

Ad
rt

ވަޤުތުތައް ގުނަމުންގޮސް އަޅުގަނޑުގެ ނަމްބަރާ ޖެހިއްޖެއެވެ. ޑަކްޓަރު ކޮޓަރިއަށް ވަދެ ވީގޮތް ކިޔައިދީފީމެވެ. އަދި ޑަކްޓަރު ކަށިގަނޑު ޖައްސާ ކުރަން ބޭނުން ސުވާލެއްކޮށް އަޅުގަނޑުވެސް ޖަވާބުދީ ނިމުމުން އެއްވެސް މައްސަލައެއް ނެތްކަމަށްބުނެ ގިނައިން ދިޔާއެއްޗެހި ބޭނުންކުރާށޭ ބުނުމުން ޑަކްޓަރ ސެޓިފިކެޓެއް ބޭނުންވާ ކަމުގައި އަޅުގަނޑު ޑަކްޓަރ އަރިހު އެދުނީމެވެ.

ޑަކްޓަރ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. ޑަކްޓަރ ސެޓިފިކެޓް ދޭންވީ ކޮންކަމަކަށް ހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. ބަނޑުގައި ރިއްސާތީ މިއަދު އޮފީހަށް ނުދެވުނެވެ. މާދަމާ އޮފީހަށް ހުށަހަޅަން ސެޓިފިކެޓް ބޭނުންވެއެވެ. ޑަކްޓަރ އަޅުގަނޑާއި ދިމާއަށް ބުންޏެވެ. ތިއައީ އޮފީހަށް ނުގޮސް ސެޓިފިކެޓް ހަދަންދޯއެވެ؟ ޑަކްޓަރ ސެޓިފިކެޓް ހަދައިދެނީ މަސައްކަތް ނުކުރެވޭ ވަރަށް ބަލި މީހުންނަށެވެ. ތިބޭފުޅާ ޑަކްޓަރަށް ދައްކަން އައިއިރު ބަލީގެ އެއްވެސް އަސަރެއް ނެތެވެ. މަޢާފް ކުރައްވާށެވެ. އަޅުގަނޑު ވެސް ދެބަސް ވާކަށް ނުހަދަމެވެ. އެއީ ކަންއޮތްގޮތް ކަމަށްވާތީއެވެ.

4 ގަޑިއިރު ހޮސްޕިޓަލްގައި އިނދެފައި ކުރަން އައިކަމެއް ނުވުމުން ދިޔައީ ކްލިނިކް ތަކަށެވެ. ދެތިން ހަތަރު ކްލިނިކެއް ބެލިފަހުން ޑރ ސެޓިފިކެޓް ވިއްކާ ކްލިނިކަކާ ދިމާވިއެވެ. އެކަމަކު -/500 ފަސްސަތޭކަ ރުފިޔާއަށެވެ. އެއީ އަޅުގަނޑުގެ ދެދުވަހުގެ މުސާރައެވެ. ސަލާމް ބުނެފައި ޑރ ޑެޓިފިކެޓް ހުށަނޭޅުމުން ބަލަނީ ނާންނަ ދުވަހަކަށެވެ. އެހެން ވެއްޖެ ނަމަ ކަނޑަނީި ދުވަހުގެ މުސާރައެވެ. އިތުރަށް ވާކަމަކަށް އޮންނަނީ ޙާޒިރީ ހަޑިވުމެވެ.

ކޮންމެ ގޮތެއްވިޔަސް އެއްދުވަހު ސަލާމުގައި ހުންނަން ޖެހި ސަލާމް ސެޓިފިކެޓް ހުށަހަޅަން ޖެހޭނަމަ މިފަދަ ތަކްލީފްތަށް އުފުލަންޖެހޭނެ ކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ. ޤާނޫނާއި ޤަވާޢިދު އޮތީ ތިބޭފުޅުންގެ އަތްމަތީގައެވެ. އިސްލާޙްގެ ނަމުގައި މުގުރައިވެސް ލެވިދާނެއެވެ. އިޚްލާސްތެރި ކަމާއިއެކު އިސްލާޙްވެސް ކުރެވިދާނެއެވެ.