ކުޅުދުއްފުށި ސިޓީގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 6 ޤައުމެއްގައި ބޭނުން ކުރަމުން އަންނަ ސޯޝަލް އިނޮވޭޝަން ޕްލެޓްފޯރމް އެޕްރޯޗާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ، ޔޫ.އެން.ޑީ.ޕީ ބެންކޮކް ރީޖަނަލް އޮފީހުގެ މަންދޫބުންގެ ތެރޭގައި ހިމެނޭ ރީޖަނަލް ގަވަރނަންސް އެޑްވައިޒަރ، މިސް ޑަޔާނާ ޓޯރެސް، އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޓީމްތަކާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަދި މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޓީމްތަކާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިގޮތުން ދެ ދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މުވައްޒަފުންނާއެކު، މި ޕްރޮގްރާމް ނަންގަވައިދެއްވަނީ ޕްރޮގްރާމް އެނަލިސްޓް، މިސް ޔީ ޒަންގް، އަދި ޔޫ.އެން.ޑީ.ޕީ ބެންކޮކް ރީޖަނަލް ހަބް ގެ ކޮންސަލްޓަންޓް މިސް އަޕިޗަޔާ އޯ-އިން އެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ތަމްރީނުގެ ފަހުން، ފަސް ދުވަހުގެ މުއްދަތަކަށް ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި މި ސެޝަންތަކުން ދަސްވި ކަންތައްތައް ބޭނުންކޮށްގެން ސިޓީއެއްގެ ހައިސިއްޔަތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް އިތުރަށް ދެނެގަތުމަށް މަސައްކަތްކުރެވޭނެކަމަށެވެ.

ޔޫ.އެން.ޑީ.ޕީގެ ފަންޑިންގ އެހީގައި ކުރިއަށްދާ މި މަޝްރޫޢުގެ މަޤްޞަދަކީ ސިސްޓަމްސް ތިންކިންގ އަދި ޕޯޓްފޯލިއޯ ޑިޒައިން ބޭނުންކޮށްގެން އެކުލެވޭ އަދި ބައިވެރިވުމުގެ ފުރުޞަތު ދޭ ޕްލޭނިންގ އަށް ލޯކަލް ގަވަރނަންސްގެ ޤާބިލުކަން އިތުރުކުރުމެވެ. އަދި ހަމައެއާއެކު، ގަވަރނަންސްއަށް މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް، އެސް.ޑީ.ޖީ ލޯކަލައިޒޭޝަނަށް މަގުފަހިވާނެ މާޙައުލެއް އުފެއްދުމެވެ.
އެގޮތުން މި ޕްރޮގްރާމުގައި މުޖުތަމައުގައި ހުރި މައްސަލަތައް ދެެނެގަނެ ހައްލުތައް ހޯދުމަށް ބޭނުންކުރެވިދާނެ އުކުޅުތަކާއި، ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާއެކު މައްސަލަތައް ހައްލުކޮށް ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދަސްކޮށްދެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!