ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

Ad
rt

މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. ބައްދަލުވުން ނިންމަވާލައްވަމުން، ރައީސް މުޢިއްޒު ވަނީ ނޭޕާލުން ރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، 2001 ވަނަ އަހަރު އުފެދުނު ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާގައި މިހާރު 10 މެންބަރު ޤައުމު ހިމެނޭއިރު، ދިވެހިރާއްޖެއަކީ އެސް.ސީ.އޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

ރައީސްގެ މިދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އާދީއްތަ ދުވަހު ހެނދުނު ބައްދަލުކުރަށްވާފައެވެ.