ހދ. ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އަތުލިޔުމަށް ބަލައިގެން މީހެއްގެ މައްޗަށް ކުށް ސާބިތުވެ, އުމުރަށް ޖަލަށްލާން އެރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ހދ. ކުޅުދުއްފުށީގައި 2021 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތެރެއިން މަސްތުވާތަކެތި ފެނުނީ މީހަކު ދިރިއުޅޭ ކޮޓަރިއަކުންނާއި އެ ގޭގެ ގޯތި ތެރެއިންނެވެ. ކޮޓަރިން ފެނުނީ ޓްރެފިކިން މިންގަނޑަށް ނާރާ މިންވަރުގެ މަސްތުވާތަކެތި ނަމަވެސް ގޯތި ތެރެއިން ފެނުނީ ޓްރެފިކިން މިންގަނޑަށް އަރާ މިންވަރަށް 23 ގްރާމްގެ މަސްތުވާތަކެއްޗެވެ.

Ad
rt

އެ މީހާ ވަނީ ގޯތި ތެރެއިން ފެނުނު 12 ރަބަރު ޕެކެޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ އެންމެންނަށް ވެސް ވަދެ ނުކުމެވޭ ގޮތަށް ހުންނަ ގެއެއް ކަަމަށް އޭނާ ބުންޏެވެ.

ނަމަވެސް ގޯތި ތެރެއިން ފެނުނު މަސްތުވާތަކެއްޗާއި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޕެކެޓްގައި ނަމްބަރުތަކެއް ލިޔެފައި ހުއްޓެވެ އެހެންވެ, ދައުވާލިބޭ މީހާގެ އަތު ލިޔުން ފުލުހުން ނެގިއިރު އެ ދެ ލިޔުން ލިޔެފައި ވަނީ އެކަކު ކަމަށް ފެންނަ ކަމަށް ރިޕޯޓްގައި ފާހަަގަކޮށްފައިވެ އެވެ.

އެ ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރު ވަނީ ދެ މީހެއްގެ އަތުލިޔުން އެހާ އެއްގޮތް ނުވާނެ ކަމަށް ކޯޓުގައި ބުނެފަ އެވެ.

އެ މައްސަލާގައި ކުޅުދުއްފުށީ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގޯތިތެރެއިން ފެނުނު 12 ޕެކެޓުގައި ހިސާބު އަކުރުން ނަންބަރު ލިޔެފައިވަނީ ދައުވާލިބޭ މީހާ ކަން އެނގޭއިރު, އެ ޕެކެޓުތަކުގައި ތަރުތީބުން 14 އިން ފެށިގެން 25 އާ ހަމައަށް ނަންބަރު ޖަހާފައިވާ ކަމަށެވެ. އަދި 25 އާ ޖެހިގެން އޮތް 26 ވަނަ ނަންބަރު އެ މީހާގެ ކޮޓަރި ތެރެއިން ފެނުނު ކަނޑާފައި އޮތް މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓުގައި ޖަހާފައި އޮތުމަކީ އިއްތިފާގެއް ނޫން ކަމަށް ވެސް ހުކުމްގައިވެ އެވެ.

އެހެންވެ، އެ މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމްކުރާ ކަމަށް ގާޒީ މުހައްމަދު އިސްމާއިލް އިއްވެވި އެ ހުކުމުގައިވެ އެވެ.