ޙަޤީޤީ ކުރިއެރުމަކީ ކޮންމެ މީހެއްގެ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތުގެ މާޒީއަށް އަލިއަޅުއްވާލައްވައި، އުތީމު މަހާރަދުންނާއި، އެހެން އަބްޠާލުން އެ ކުރެއްވި ޖިހާދު ކުރައްވައި މި ޤައުމު މިހާ ހިސާބަށް ގެނެސްދެއްވިއިރު، އެ ގެނެސްދެއްވި ދިވެހިވަންތަކަން ހިމާޔަތްތެރިކަމާ އެކީގައި، ރައްކާތެރިކަމާއެކީ ފޯރުކޮށްދޭން ތިބީ ޒުވާނުން ކަމަށާއި، ކޮންމެ ދިވެހި ރައްޔިތަކުވެސް އެކަމާމެދުގައި ޒިންމާދާރުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުތަކުން ކުރެވޭނެ ކަންކަން ކުރާނެއެވެ. ތަރައްޤީގެ މަޝްރޫޢުތައް ހިންގައި ޤައުމަށް ކުރިއެރުން ގެންނަން މަސައްކަތް ކުރާނެއެވެ. އެހެންނަމަވެސް، ޙަޤީޤީ ކުރިއެރުމަކީ ކޮންމެ މީހަކު ކުރަން އޮތް ކަމެކެވެ. ކޮންމެ މީހެއްގެ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު ހިތުގައި އާލާކޮށް، ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަމިއްލައަށް ކުރުން އެއީ، އެންމެ މުހިންމު ކަމެއް ކަމަށާއި، އޭރުން ޤައުމެއް، ޤައުމެއްގެ ގޮތުގައި ކުރިއަށްދާނީ އެގޮތަށް އެންމެން އެއް ވިސްނުމެއްގައި، ޤައުމީ ވިސްނުމުގައި، ޤައުމު އިސްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހި ޤައުމުގައި ހުރި ރީތި އާދަތަކާއި، ދިވެހިވަންތަކަން، ދިވެހި ޤައުމިއްޔަތުގައި ހުރި ސިފަތައް، އެ އައިޑެންޓިޓީ އެގޮތުގައި ހިމާޔަތްތެރިކަމާއެކީ ރައްކާތެރިކަމާއެކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ، ކޮންމެ ދިވެހި ރައްޔިތަކު އަދާކުރުމަށް މަސައްކަތްކުރަން ފަށައިގަތުމަށް ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ މިއަދު އަޒުމް އާކުރަންވީ ކަމެއް ކަމަށެވެ. މައިންބަފައިންނަށް އިޙްތިރާމު އަދާކުރުމާއި، އަވަށްޓެރިންނަށް އޯގާތެރިވުމާއި، މުސްކުޅިންނާއި އިސްރަށްވެހިންނަށް ހެޔޮކޮށްހިތާ، ކުޑަކުދިންނަށް އަޅާލުން ފަދަ ރީތި ސިފަތަކެއް ދިވެހި މުޖުތަމަޢުގައި ކުރީގައި އޮތް ކަމަށާއި، އެކަން އިއާދަކުރުން އެއީ، މިއަދު އަޒުމް އާކުރަންވީ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮންމެ މީހެއްގެ ޢިއްޒަތާއި، އަބުރާއި، ޝަރަފަށް އަރައިނުގަތުމަށާއި، ތިމާގެ ދުލުން ބޭރުކުރާ ބަސްތަކާއި ގަލަމުން ލިޔާ ލިޔުންތަކާމެދު ފުންކޮށް ވިސްނުމަށް ހަނދާންކޮށްދެއްވާފައެވެ. "އަތާއި، ދޫ ރައްކާތެރިކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް. މުސްލިމަކަށްވީތީ އަދި އަމުދުން، ވަރަށް މުހިންމު ވާޖިބެއް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ދުވަހެއް ފާހަގަކުރާއިރު، އެންމެ ފުރަތަމަ އެންމެ އިސްކަމެއް ދޭންވީ ކަމަކީ މިއެވެ.

ރައީސް ވިދާޅުވީ، ޤައުމިއްޔަތަކީ ދިވެހިވަންތަކަމާ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމާ، ދިވެހިބަހަށް ޙުރްމަތްތެރިކޮށް ހިތުމާ، އަދި ރިވެތި އާދަކާދަތަކަށް ޙުރްމަތްތެރިކޮށް ހިތުން ކަމަށެވެ. އެ ކަންކަން ދިރުވައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ އެކަކު އަނެކަކަށް ލޯބިކުރުމާއި، ޙުރްމަތްތެރިކޮށް ހިތުމާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިމާގެ ދުލުން ބަހެއް ބޭރުވުމަށްފަހު، ތިމާއަކީ އެ ބަހުގެ އަޅެއްކަން ހަނދާންކޮށް، ސިކުނޑީގެ ބޭނުންކޮށްގެން މި ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު ޙިމާޔަތްކުރުމަށް ގޮވާލެއްވިއެވެ.