ސަރުކާރުން މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ފާހަގަކޮށް، އެ ރަށުގައި ގައުމީ ޖަލްސާ ބާއްވައި އެ ޖަލްސާގައި ގައުމީ އިނާމު ދިނުމަށް ނިންމާފައިވާއިރު، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރެވެ.
ޖެހިޖެހިގެން ދެ އަހަރު އުތީމުގައި ރަސްމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާއިރު، ގައުމީ ދުވަހަށް އެ ރަށުގައި އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ.
ގައުމީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އުތީމަށް ވަޑައިގަންނަވާނެއެވެ. ރައީސްގެ އިތުރުން، ބޭރުގެ 15 ވަރަކަށް ސަފީރުންނާއި ނައިބު ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސަރުކާރިގެ އިސްފަރާތްތައް ގައުމީ ދުވަހަށް އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވުމަށް އަތޮޅުގެ ރަށްތަކުން ގިނަބަޔަކު އެ ދުވަހު އުތީމަށް ޒިޔާރަތް ކުރަން ވަނީ ހަމަޖެހިފައެވެ.
ޤައުމީ ދުވަހަށް އުތީމު ތައްޔާރުވެފައި، ފޮޓޯ: އަހްމަދު އާމިރު
ގައުމީ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ އެ ދުވަހު ހެނދުނު އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. ރައީސް އުތީމަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އެ ދުވަހުގެ 09:00 ގައެވެ. ރައީސްއަށް މަރުހަބާ ދެންނެވުމަށް ބަނދަރުގައި ސަގާފީ ހަރަކާތްތަކެއް ބާއްވަން ހަމަޖެހިފައިވާއިރު، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ ހެނދުނު 10:00 ގައެވެ. އެއަށްފަހު އެ ރަށަށް ވަޑައިގަންނަވާ މެހުމާނުންނާ ރަށުގެ ރައްޔިތުންނަށް ބާއްވާ ޖާފަތެއް، މެންދުރު އޮންނާނެއެވެ.
ޤައުމީދުވަހަށް އުތީމު ތައްޔާރު ވަނީ، ފޮޓޯ: އުތީމު ކައުންސިލް
ރައީސް އުތީމަށް މި ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުތީމުގެ ބައެއް މުހިންމު މަސައްކަތްތަކުގެ ނިމުން ފާހަގަކުރައްވުމާއި އަދި ގައުމިއްޔަތު މަޝްރޫއުގައި ހިމެނޭ ބައެއް މުހިންމު މަޝްރޫއުތައް ފައްޓަވައިދެއްވާނެއެވެ.
ގައުމީ ދުވަހު ރޭގަނޑު އުތީމުގެ އިތުރުން އަތޮޅުގެ 5 ރަށަކުން ބައިވެރިވާ ސަގާފީ ކުޅިވަރުތަކެއް ކުރިއަށް ގެންދާނެއެވެ. އަދި އެ ރޭ ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!