ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އިސްލާމީ ހަމަތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ އިމުގެ ތެރެއިން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު އަންގާރަ ދުވަހު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު އުކުޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާއިރު، އުކުޅަސްވެސް ހިމެނޭހެން، ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި ކުރިއަރާ ދާންވީ، އިސްލާމީ ހަމަތަކާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން، ހުއްދަ މިންގަނޑުގެ ތެރޭގައިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް މުޢިއްޒު ވަނީ އެކަމަށް ނަޞޭޙަތްތެރިވެވަޑައިގެން، އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އުކުޅަހަކީ މަސައްކަތްތެރި އަދި ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވައި، އެރަށުގެ ރައްޔިތުންކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެރަށުގެ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެރަށު ބިންހިއްކުމުގެ މަޝްރޫޢު ނިމުމުން 250 ގޯތި ދޫކުރެވޭނެކަމަށާއި، އަންނަ ހަފުތާގައި ގޯތި ދޫކުރުމުގެ ހުއްދަ ކައުންސިލާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެރަށުގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ވަނީ އެރަށުގައި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމާއި، ސްކޫލް އޮފީސް އިމާރާތް އަދި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އުލުޅަހަކީ އއ. އަތޮޅަށް ރައީސް އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑަައިގެންނެވި އަށް ވަނަ މަންޒިލެވެ. އަދި އެއީ އެންމެ ފަހު މަންޒިލް ވެސް މެއެވެ.