މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސަ، "އެކްސް" ގައި ޕޯސްޓްތަކެއް ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު'' އަކީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. 18 އޯގަސްޓް 2025 ގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އިބުތިދާއީ ބަހުސް ފަށާފައެވެ. މި ބިލު ހުށަހެޅުމާއެކު ގިނަ މީޑިއާތަކާއި ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Ad
rt

ފުލުހުން މިރޭ ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ސޯޝަލް މީޑިއާގެ "އެކްސް" ގައި ޕޯސްޓްތަކެއް ކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމީހާ ހައްޔަރުކޮށްފައި ވަނީ 2025 އޯގަސްޓް 20 ވަނަ ދުވަހުގެ ރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ / އަތަމާވިލާ، ޢަލީ ޢާނިމް މުފީދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ހަންނާންގެ އައު ބިލާމެދު ވެސް އިދިކޮޅު ފަރާތްތަކާއި، ބައެއް ސިޔާސީ އިސް ބޭފުޅުންނާއި އަދި މީޑިއާގެ ދާއިރާގެ ބައެއް ފަރާތްތައް ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ބިލު ހުށަހެޅުއްވި ހަންނާން ވިދާޅުވެފައިވާ ގޮތުގައި ބިލަކީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި އޭނާ ހުށަހަޅުއްވާފައިވާ ބިލެކެވެ. އަދި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ޙައްޤުތައް ލިބިދީ، ތެދު ޚަބަރު ފެތުރުމަށް މި ބިލުން މަގުފަހިކޮށްދީފައިވާކަމަށް ވިދާޅުވެ، އެ ބިލަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.