ޣައްޒާއިން އިޓަލީއަށް ފަރުވާއަށް ގެންދެވުނު ފަލަސްޠީނު އަންހެން ޒުވާނަކު، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ދިމާވި ޞިއްޙީ މައްސަލަތަކާ ގުޅިގެން އިޓަލީގެ ޕީސާގެ ހޮސްޕިޓަލެއްގައި ނިޔާވެއްޖެއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ މަރާހް އަބޫ ޒުހްރީއެވެ. ޒުހްރީ އިޓަލީއަށް ގެންދެވުނީ އެ ޤައުމުގެ ސަރުކާރުގެ އިންސާނިއްޔަތުގެ އެހީގެ ޕްރޮގްރާމްގެ ދަށުންނެވެ. މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒުހްރީ އިޓަލީއަށް ގެންދެވުނީ އޭނާގެ މަންމައާއި އިތުރު ފަލަސްޠީނު ބަލިމީހުންނާއެކު، އިޓަލީގެ 46 ވަނަ އެއަރ ބްރިގޭޑްގެ މިލިޓަރީ މަތިންދާބޯޓެއްގައެވެ.
އޭނާ ނިޔާވެފައިވަނީ އިޓަލީއަށް ގެންދެވުނުތާ 24 ގަޑިއިރުފަހުން، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުރިމަތިވި ޞިއްޙީ މައްސަލަތަކާއި ގުޅިގެން ހުކުރު ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕީސާ ޔުނިވަރސިޓީ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޒުހްރީ އެ ހޮސްޕިޓަލަށް ގެނެވުނުއިރު އޭނާގެ ޞިއްޙީ ހާލަތު ވަނީ "ވަރަށް ނާޒުކު" އަދި "ހަށިގަނޑުގެ ގުނަވަންތައް ވަރަށް ބޮޑަށް ހީނަރުވެފައިވާ" ހާލަތެއްގައެވެ. ހޮސްޕިޓަލުން އޭނާގެ ހާލަތާ ބެހޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިޓަލީގެ ނޫސްތަކުން މެޑިކަލް ވަސީލަތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ އޭނާ ވަނީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 31 ބަލިމީހުންނާއި އެމީހުންގެ ޢާއިލާގެ މެންބަރުން މި ހަފުތާގައި ރޯމް، މިލާން އަދި ޕީސާއަށް ގެނެވިފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ބޮޑެތި ބަލިތަކާއި، އަނިޔާތަކާއި، ނުވަތަ ގުނަވަން ބުރިވުމުގެ މައްސަލަތަކާ ކުރިމަތިލާފައިވާ މީހުންނެވެ.
އިޒްރާއީލުން ޣައްޒާ ސަރަޙައްދަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅުވުމާއި ގުޅިގެން، އެ ސަރަޙައްދުގައި ބަނޑުހައިހޫނުކަމާއި ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން މީހުން ދަނީ މަރުވަމުންނެވެ. މިހާތަނަށް ބަނޑުހައިހޫނުކަމާ ގުޅިގެން މަރުވެފައިވާ މީހުންގެ އަދަދު 240 އަށް އަރާފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މީގެ ތެރޭގައި 107 ކުދިން ހިމެނޭ ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.
މޭ މަހުން ފެށިގެން އިންސާނީ އެހީ ހޯދުމަށް މަސައްކަތްކުރި 1,898 ފަލަސްޠީނު ރައްޔިތުން، އިޒްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށާއި، 14,113 މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މި ހިތާމަވެރި ހާދިސާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ގިނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.
މާރޗް މަހު ޣައްޒާއަށް ވަދެވޭނެ ހުރިހާ މަގުތަކެއް ބަންދުކޮށް އިޒްރާއީލުން ޣައްޒާ ހިޞާރުކޮށްފައިވާއިރު، ޣައްޒާގެ 2.4 މިލިއަން އާބާދީ ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި، އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެ، އިންސާނީ ކާރިސާއަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނަރުގެ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.
ނޮވެމްބަރު މަހު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ވަނީ ޣައްޒާގައި އިޒްރާއީލުން ހިންގާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކާ ގުޅިގެން އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. މި އަމުރަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނެރެފައިވާ އަމުރެއް ކަމަށް ޤާނޫނީ މާހިރުން ފާހަގަކުރައްވައެވެ.
މީގެ އިތުރުން، ޣައްޒާއަށް ހިންގި ހަނގުރާމައާ ގުޅިގެން އިޒްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި ނަސްލު ނައްތާލުމުގެ މައްސަލައެއް ވެސް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ބުނެފައިވަނީ އިޒްރާއީލުގެ ޢަމަލުތަކަކީ ނަސްލު ނައްތާލުމުގެ މުޢާހަދާއާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!