މެދުކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން، ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ދޭ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް މިރޭ ލިޔުން ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ލިޔުންތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

Ad
rt

މިފަހަރު ސްކޮލަރޝިޕް ލިބުނު ޖުމްލަ 24 ފަރާތެއްގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި، ސްޓިޕެންޑް ލިބުނު 6 ފަރާތަކާއި، ޓިއުޝަން ފީ ލިބުނު 1 ފަރާތެވެ.

މި ސްކޮލަރޝިޕްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމް ޚާސިލްކުރުމުގެ ފުރުސަތުތަކެވެ.

ރާއްޖެއިން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ، ސަޢުދީ އަރަބިއްޔާ އަދި މިޞްރު ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރީލްމަހުއެވެ. އަދި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

މި ސްކޮލަރޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ޚާއްސަކޮށް ނަގާފައިވާ ކޮމިޓީއަކުންކަން ފާހަގަކޮށްލެވެއެވެ.