އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އިންޑިޔާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ރައީސް ދްރޫޕަދީ މުރުމޫ އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ދުވަހުގެ ކުލަގަދަ ޖޯޝުން އިންޑިޔާގެ ރައްޔިތުންގެ ރޫޙާއި ކާމިޔާބީތައް ފެންނަމުންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެކެވެ.

''އަޅުގަނޑުމެންގެ ދެ ގައުމުގެ މެދުގައި އިސް ފަންތީގެ ބައްދަލުވުންތަކާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވަމުން ދިއުމަކީ އަޅުގަނޑުމެން ބިނާކޮށްފައިވާ ވަރުގަދަ އެއްބާރުލުމުގެ ހެއްކެކެވެ. މިކަމަށްޓަކައި އަޅުގަނޑު ހިތުގެ ފުންމިނުން ޝުކުރުވެރިވަމެވެ." ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ މި ޕޯސްޓުން ހާމަވެގެންދަނީ ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގާތް ގުޅުމާއި، ހާއްސަކޮށް ތަރައްޤީގެ ދާއިރާގައި ދެމެދު އޮންނަ އެއްބާރުލުންތަކުގެ މުހިންމުކަމެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދު ޒަމާންވީ ގުޅުމެއް ގާއިމުވެފައިވާއިރު، ރާއްޖެއާއި އިންޑިޔާއާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ޤާއިމުކުރު 1 ނޮވެންބަރު 1965 ގައެވެ.