އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ސަނަދު ހާސިލްކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

Ad
rt

މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުންނާއި ދެވަނަ ބުރުގައި 169 ޚަޠީބުން ސަނަދު ހާސިލްކޮށްފައިވާއިރު، މިހާރު މި ޕްރޮގުރާމުން ޖުމްލަ 503 ޒުވާން ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.

މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، ޒުވާން ކުދިންނަށް މި ދާއިރާއިން ފުރުސަތު ފަހިކޮށްދިނުމެވެ.

މި ޕްރޮގުރާމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ޚުޠުބާ ކިޔެވުމުގެ ދަތިކަން ހައްލުވެ، ޒުވާން ޖީލަށް ދީނީ ޢިލްމު އުނގެނުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.