ޖުލައި މަހުން ފެށިގެން ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގައި މަދިރިން ޖެހޭ ވައިރަހެއް ކަމަށްވާ ޗިކަންގުންޔާގެ 7،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކުރެވިފައިވާތީ، ކޮވިޑް-19 ބަލިމަޑުކަމުގައި އެޅި ފިޔަވަޅުތަކާ އެއްފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
އެންމެ ބޮޑަށް އަސަރުކުރި ފޯޝަން ސިޓީގައި، ޗިކުންގުންޔާ ބަލީގެ މީހުން ހޮސްޕިޓަލުގައި ތިބެންޖެހޭގޮތަށް ހަދާފައިވާއިރު، އަދި އެމީހުންގެ އެނދުތައް މަދިރި ދާއިން ވަނީ ރައްކާތެރިކޮށްފައެވެ. އަދި އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން ނެގެޓިވް ވުމުން ނުވަތަ ހަފްތާއެއްގެ މުއްދަތު ހަމަވުމުން ޑިސްޗާޖް ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ބައްޔަނީ ޗައިނާގައި މަދުން ފެންނަ ބައްޔެއް ނަމަވެސް، މި ބަލި ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާގައި އަދި އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި އާންމުކޮށް ފެނެއެވެ.
ޗައިނާގައި ފޯޝަން ފިޔަވައި، ދެކުނުގެ ގުއަންގްޑޮންގް ޕްރޮވިންސްގެ މަދުވެގެން 12 ސިޓީއެއްގައި މި ބަލި ޖެހުނު މީހުން ރިޕޯޓްކޮށްފައިވެއެވެ. ވޭތުވެދިޔަ ހަފްތާގައި އެކަނި 3،000 އާ ގާތްކުރާ މިންވަރަކަށް ކޭސްތައް ރިޕޯޓްކޮށްފަވެއެވެ.
ހޮންގް ކޮންގްގައި މި ބަލީގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ ޖުލައި މަހު ފޯޝަންއަށް ދަތުރުކުރުމަށްފަހު ހުން އައިސް، ހަމުގައި ރަތްވެ، ގުނަވަންތަކުގައި ރިއްސަން ފެށި 12 އަހަރުގެ ކުއްޖެކެވެ.
މި ވައިރަސް އެއް މީހެއްގެ ކިބައިން އަނެއް މީހެއްގެ ކިބައަކަށް ނުފެތުރެއެވެ. ބަލި ޖެހިފައިވާ މީހަކަށް މަދިރި ވިހައި، އެ މަދިރި އެހެން މީހަކަށް ވިހުމުން އެކަނި ބަލި ފެތުރެނީއެވެ.
އޮފިޝަލުން ބުނާ ގޮތުގައި މިހާތަނަށް ރިޕޯޓްކުރެވިފައިވާ ހުރިހާ ކޭސްތަކަކީވެސް ލުއި ކޭސްތަކެވެ. އަދި 95% މީހުން 7 ދުވަހުގެ ތެރޭގައި ޑިސްޗާޖްކުރެވިފައިވެއެވެ.
ނަމަވެސް، ޤައުމުގައި މި ވައިރަސްއާ ބެހޭ މަޢުލޫމާތު މަދުވުމާއެކު، މި ކޭސްތަކުގެ ސަބަބުން ބައެއް މީހުން ބިރުގަނެފައިވެއެވެ.
"މިއީ ބިރުވެރިކަމެއް. ދިގު މުއްދަތަކަށް ކުރާ އަސަރުތައް ވަރަށް ވޭންދެނިވި ކަމަށް އަޑުއިވެނީ،" ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި އެކަކު ލިޔެފައިވެއެވެ.
މި ފެތުރުމާ ގުޅިގެން ޔޫއެސްއިން ވަނީ ޗައިނާއަށް ދަތުރުކުރާ މީހުން "އިތުރު ސަމާލުކަމެއް" ބެހެއްޓުމަށް އިރުޝާދު ދީފައެވެ.
ބަލި ޖެހިފައިވާ މަދިރީގެ ޒަރީއާއިން މި ވައިރަސް ފެތުރެއެވެ. މި ބަލިޖެހުމުން ހުންއައިސް، ގުނަވަންތަކުގައި ވަރަށް ބޮޑަށް ރިއްސައެވެ. މި ރިހުން އަހަރުތަކަކަށް ދެމިގެން ހިނގައިދާނެއެވެ.
ބަލި ޖެހިފައިވާ މަދިރިއެއް ހަފާ ގިނަ މީހުންނަށް 3 އިން 7 ދުވަހުގެ ތެރޭގައި ޗިކުންގުންޔާގެ އަލާމާތްތައް ފެންނާނެއެވެ.
ހުން އައުމާއި ގުނަވަންތަކުގައި ރިއްސުން ފިޔަވައި، އެހެން އަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ރަތްވުން، ބޮލުގައި ރިއްސުން، މަސްތަކުގައި ރިއްސުން އަދި ގުނަވަންތައް ދުޅަވުން ހިމެނެއެވެ.
ގިނަ ހާލަތްތަކުގައި، ބަލިމީހުން ހަފްތާއެއްގެ ތެރޭގައި ރަނގަޅުވާނެއެވެ. ނަމަވެސް ބަލީގެ އަސަރު ބޮޑަށްކުރާ ހާލަތްތަކުގައި، ގުނަވަންތަކުގައި ރިއްސުން މަސްތަކަކަށް ނުވަތަ އަހަރުތަކަކަށްވެސް ދެމިގެންދާނެއެވެ.
އަލަށް އުފަންވާ ކުދިންނާއި، ދުވަސްވީ މީހުންނާއި، ހިތުގެ ބަލި ނުވަތަ ހަކުރު ބަލި ފަދަ އަސާސީ ބައްޔެއް ހުންނަ މީހުންނަށް މި ބައްޔަށް ބޮޑަށް އަސަރުކުރުމުގެ ރިސްކު ބޮޑެވެ.
މި ބައްޔަށް ފަރުވާއެއް ނެތެވެ. ނަމަވެސް ޗިކުންގުންޔާގައި ފުރާނައަށް ނުރައްކާވާ މިންވަރު މަދެވެ.
މި ވައިރަސް ފުރަތަމަ ފާހަގަކުރެވުނީ 1952 ގައި ޓަންޒޭނިއާގައެވެ. އޭގެފަހުން ސަބް-ސަހާރަން އެފްރިކާގެ އެހެން ޤައުމުތަކަށާއި ދެކުނު އިރުމަތީ އޭޝިޔާއަށް ފެތުރުނެވެ. މިހާތަނަށް 110 އަށްވުރެ ގިނަ ޤައުމުގައި މި ބަލި ރިޕޯޓްކުރެވިފައިވެއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން އިރުޝާދުދީފައިވާ ގޮތުގައި މި ވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ މަދިރި އާލާވާ ފެން ހުންނަ ތަންތަން މަދުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!