ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ.
މި ޤަރާރަކީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އދ. ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނަތީޖާ ކަރުދާހެވެ. ރައީސް މުޢިއްޒުގެ ބަޔާނުގައި މި ޤަރާރު ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރުޙަބާކިޔާ ކަމެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި "ނިއުޔޯކް ޑެކްލެރޭޝަން" އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދޭ އެއްބާރުލުމުގެ ހެއްކެކެވެ.
މީގެއިތުރުން، މި ޤަރާރަކީ އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަށައަޅާފައިވާ ވަރުގަދަ އިލްތިޒާމެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ބަޔާނުގެ ނިންމުމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!