ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ފަސް ވަގުތު ނަމާދުގެ ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އައު ޓަރމިނަލުގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވަމުން، މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއަދުގެ އަސުރު ނަމާދުން ފެށިގެން ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ ކަމަށެވެ.

Ad
rt

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ނުވަތަ މިހާރު ރަސްމީކޮށް ބޭނުން ކުރާ ޓަރމިނަލް 1 އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ހުޅުވާފައިވާ ޓަރމިނަލެކެވެ. އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ މި ޓަރމިނަލުގައި ފުރާ މީހުންނާއި، އަންނަ މީހުންނަށް ޚާއްސަކޮށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވެއެވެ. އަދި ޓްރާންސިޓް ފަސިންޖަރުންނަށް ޚާއްސަކޮށް ޚިދުމަތް ދެވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.

ނަމާދުކުރުމަށް ޚާއްސަ ކޮޓަރިތައްވެސް ކުރީގެ ޓަރމިނަލް ނުވަތަ ޓަރމިނަލް 2 އާ އެއްގޮތަށް މި ޓަރމިނަލުގައި ވަނީ ތަރައްޤީކުރެވިފައެވެ. މިގޮތުން ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ ގޮތަށް ނަމާދު ކޮޓަރިތައް ޓަރމިނަލުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވެއެވެ. މީގެ ސަބަބުން އެއަރޕޯޓުގެ މުވައްޒަފުންނާއި ފަސިންޖަރުންނަށް ގަޑިން ނަމާދުކުރުމަށް ފަސޭހަވެގެންދާނެއެވެ.

އައު ޓަރމިނަލުގައި ފުރާ މީހުންނަށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ޓަރމިނަލާ އަޅާބަލާއިރު އިމިގްރޭޝަން ކައުންޓަރުތައްވެސް ދެގުނައަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުރާ މީހުންނަށް ޚާއްސަކޮށް 20 އަށްވުރެ ގިނަ އިމިގްރޭޝަން ކައުންޓަރާއި 6 އީގޭޓް ހުންނައިރު، އަންނަ މީހުންނަށް ޚާއްސަކޮށް 28 އިމިގްރޭޝަން ކައުންޓަރާއި 7 އީގޭޓް ވަނީ ޤާއިމްކޮށްފައެވެ.