ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ އެއްވެސް ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް އެކަނި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހަނދާންކޮށްދެއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމަށް އެންމެންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

Ad
rt

މިއަދު ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް އިޚްލާޞްތެރި، ބުރަ، ޤައުމީ މަސައްކަތުން ޙިމާޔަތް ކުރެވިގެން މިއަދާ ހަމަޔަށް ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެއްޗެއް ކަމަށެވެ. އަދި މި ޤައުމީ ބުރަ މަސައްކަތް، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކީގައި ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން އެންމެންގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ.

"އެކަން ކުރާނީ ވަކި އެވެނި މީހެކޭ، މިވެނި މީހެކޭ އަޅުގަނޑުމެން އެކަކަށްވެސް ނުދެންނެވޭނެ. ތިމަންނަ ކުރަންޖެހޭ ކަމެއް މީގައި އެބައޮތޭ. ތިމަންނަގެ ޒިންމާ ފުރިހަމައަށް އެބައޮތޭ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގަޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، ކޮންމެ ފަރުދެއްގެވެސް މަސައްކަތް ހިމެނޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ކޮންމެ މީހަކު އެއްވެސް ޝައްކެއްނެތި މިއަދު ޔަޤީންކަމާއެކީގައި ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ. އެނޫން އެއްވެސްގޮތަކަށް އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުނުކޮށްދެވޭނެ." ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރޭގައިވެސް ހަމަ މިމޭރުމުން ޤައުމީ ލޯބި އިސްކުރުމަށް އިލްތިމާސް ކުރެއްވި ކަމަށާއި، ޤައުމީ ލޯބި އިސްކުރެވޭނީވެސް ފަރުދީގޮތުން ތިމަންނަ މަސައްކަތް ކޮށްފިއްޔާ ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށް ފޯރުކޮށްދެވޭނީ ގަބޫލުކުރީމާ ކަމަށެވެ.

"އެހެންވީމާ، މިއަދު އަޅުގަނޑުގެ މައިގަނޑު މެސެޖަކީ އަދި އިލްތިމާސަކީ އަދި ދަންނަވަން އޮތް ވާހަކައަކީ މިއީ. ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ. ރައްޔިތުން ސަރުކާރުތައް ހޮވަނީ. އެކި ދުވަސްވަރު އެކި ސަރުކާރުތައް، އެކި ވެރިން އެ ކުރައްވާ މަސައްކަތް ކުރައްވާނެ. އެހެންނަމަވެސް، ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ، އެމަނިކުފާނާ ވެރިކަން ހަވާލުވެ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ މިގޮތުގައި ކަމަށާއި، އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކަށްވީ އަދި ވާނީވެސް "ދިވެހިން އިސްކުރުން" ކަމަށް ވިދާޅުވެފައެވެ.

"ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެ. އެހެންނަމަވެސް، ކަން ކުރާނީ ދިވެހިންކަމުގެ ސިޔާސަތު. ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ދިވެހިންގެ އަތުން ކުރުން." ރައީސްގެ ސިޔާސަތު ތަކުރާރުކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި، އެހެން ހުރިހާ ޤައުމުތަކާވެސް ރަޙްމަތްތެރި ގާތް ގުޅުން ބޭއްވުމަކީވެސް އެމަނިކުފާނުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިކަން ކުރިއަށް ގެންދެވޭނީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާ އަޅުގަނޑުމެން އަދާކުރަން ޢަޒުމް ކަނޑައަޅައިގެން ކަމަށެވެ.

"އެކިމީހުން އެކި ދިމާގައި، އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެ. އެންމެން އެއް މިޞްރާބެއްގައި ޤައުމީ ލޯބީގައި، މި ދެންނެވި ވިސްނުމުގައި ކުރިއަށްދާހިނދު އެކަނި ޤައުމެއް، ޤައުމެއްގެ ގޮތުގައި އޮންނާނީ. އެހެންވީމާ، މިގޮތުގައި މި ޢަޒުމް ކަނޑައަޅަން އަޅުގަނޑު އިލްތިމާސް ކުރަން. ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް." ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.