ނ. ވިހަފަރުގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނޭކަމަށް ރައީސް މުޙައްމަދު މުޢިއްޒު އިއްޔެ އިޢުލާންކުރަށްވައިފިއެވެ.

ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ނ. އަތޮޅު މާފަރުގައި ވައިގެބަނދަރެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެބަނދަރެއް އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

Ad
rt

އެއީ ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިޤްތިޞާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، މި ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހޮޅުދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ހޮޅުމީދޫ ބޭނުންކުރަން ފަށަން ފުރިހަމަކުރަންޖެހޭ އަސާސީ ޢުމްރާނީ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރު ފެއްޓުމަށް ނިންމަވާފައިވާކަން އިޢުލާނު ކުރައްވާފައެވެ.

މީގެ އިތުރުން، ނިއު ޕޮލިސީ އިނީޝިއެޓިވްސްގެ ތެރޭގައި ހިމެނިގެން، ހޮޅުދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އަންނަ އަހަރަށް ތާވަލުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެރަށަށް ބޭނުންވެފައިވާ ކަންކަމުގެ މައްޗަށް ތަފްސީލްކޮށް އެމަނިކުފާނު އަލިއަޅުއްވާލައްވާފަވެއެވެ.